މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ހދ.ކުޅުދުއްފުށީ ބަނދަރުގައި އޮތް އާރުޓީއެލް ލޯންޗެއް ދިޔަވެއްޖެއެވެ.
ހދ. ކުޅުދުއްފުށީ އާރުޓީއެލް ބަނދަރުގައި އޮތް އާރުޓީއެލް ލޯންޗެއް ދިޔަވުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ކުޅުދުއްފުށީ ބަނދަރުގައި އޮތް މި ލޯންޗު، ދިޔަވާން ފެށިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބުނީ މިއަދު ފަތިހު 05:35 ހާއިރެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަހައްދަށް ގޮސްފައެވެ. އަދި، ލޯންޗަށް ދިޔަވުން ހުއްޓުވުމަށް ކުރި މަސައްކަތުން، ލޯންޗަށް ދިޔަވުން ކޮންޓްރޯލް ކުރެވިފައިވަނީ 07:50 ހާއިރެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހި ލޯންޗަށް ފެންއެޅި، ލޯންޗުގެ ސައިލެންސަރއަށް ފެން ވަދެގެން ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.



