ދިވެހި ސަރުކާރުން އެދިގެން، އަވަށްޓެރި ޝްރީ ލަންކާ ސަރުކާރުން 5 މިލިއަން ސްރީލަންކަން ރުޕީސް (ގާތްގަނޑަކަށް 233،000ރ.)ގެ އަގުހުރި އަސާސީ ބޭސްތަކުގެ ޝިޕްމަންޓެއް ރާއްޖެއަށް މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ތަކެތި ރަސްމީކޮށް ހަވާލުކުރުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު ކޮލޮމްބޯގައި ހުންނަ ހެލްތު އެންޑް މާސް މީޑިއާ މިނިސްޓްރީ ގައެވެ.
މި ބޭސްތައް ރާއްޖެއަށް ހަދިޔާކުރެއްވީ ލަންކާގެ ހެލްތު އެންޑް މާސް މީޑިއާ މިނިސްޓަރު ޑރ. ނަލިންދަ ޖަޔަތިއްސަ އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މި ބޭސްތަކާ ހަވާލުވެވަޑައިގަތީ ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދު އެވެ.
ލަންކާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ، އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ ރާއްޖޭގެ ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު ގީލާ އަލީ އެދިވަޑައިގަތުމާ ގުޅިގެން ހަދިޔާކުރި ބޭސް ޝިޕްމަންޓެކެވެ.



