ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިހާރަށްވުރެ ފަހި ފުރުޞަތުތަކެއް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ތަޢާރަފުކުރައްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގައި ދެއްވައިފިއެވެ.
މި ޔަޤީންކަން އެމަނިކުފާނު ދެއްވާފައި ވަނީ، ”މޯލްޑިވްސް އެކްސްޕޯ 2026“ ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގަތެވެ.
”މޯލްޑިވްސް އެކްސްޕޯ 2026“ ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވަނީ، ކުރިއަށް އޮތް ނޮވެމްބަރު މަހާއި 2027 ވަނަ އަހަރުގެ ޖަނަވަރީ މަސް ހިމެނޭހެން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަދަށްވުރެ ފަހި ފުރުޞަތުތަކެއް ތަނަވަސްކޮށްދިނުމުގެ ގޮތުން ކުރައްވަން ގަސްތުކުރައްވާ މަސައްކަތްތަކުގެ ބައެއް ތަފްސީލުތައް ހާމަކުރައްވާފައެވެ.
މިގޮތުން، ދިވެހިރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ނޮވެމްބަރު 1 އިން ފެށިގެން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގޭޓްވޭ މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ހިސާބެއްގައި ކުރާ ވިޔަފާރިއެއް ކަމުގައި ވީ ނަމަވެސް، އެމެރިކާ ޑޮލަރުން ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެކަމުގައި އިޢުލާންކުރެއްވިއެވެ. އަދި ރެމިޓެންސް މެދުވެރިކޮށް ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތް ހޯދުމަށް މި ޑޮލަރު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ކުދި އަދި މެދު ފަންތީގެ ދާއިރާއަށް ޚާއްޞަ، ޓެކްސް-ފްރީ ޒޯންތަކެއް ޤާއިމުކުރުމަށް ނިންމާފައިވާއިރު، 3 އަހަރުގެ މުއްދަތަށް، ފުރަތަމަ ޕައިލެޓް ޕްރޮޖެކްޓް ފަށާނީ އައްޑޫ ސިޓީއިން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. މި ޒޯންގައި ސަރުކާރުން ދޫކުރާ ބިމުން ފުރަތަމަ އަހަރު ކުލި ނުނެގުމާއި، އިންކަމް ޓެކްސް މަޢާފުވުމުގެ އިތުރުން 20 އިން 30 އަށް ކޯޓާގެ ލުޔެއް ދިނުން ފަދަ ކަންކަން ހަމަޖެހޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަމިއާއެކު، ޓެކްސް އޮފްސެޓް ކުރުމާއި ޖީއެސްޓީ ތްރެޝޯލްޑަށް ބަދަލު ގެންނަވާނެކަން އެމަނިކުފާނު އިޢުލާންކުރެއްވިއެވެ. ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާއިން، އެ ފަރާތްތަކުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް އޮފްސެޓް ކުރެވޭނެ (ކަނޑައިދެވޭނެ) ގޮތް ހަމަޖެހިފައިވާކަމަށާ، ޖީއެސްޓީ ރަޖިސްޓްރީ ކުރުމުގެ ތްރެޝޯލްޑް، 1 މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ޖެނުއަރީ 1 އިން ފެށިގެން ބޮޑުކުރެވޭނެކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތެރިކަމުގެ ބޭނުމަށް،1 ޖެނުއަރީ 2027 އިން ފެށިގެން، އެތެރެކުރާ ރޯ މެޓީރިއަލުން ނަގާ އިމްޕޯޓް ޑިއުޓީ 0 ޕަސެންޓަށް ބަދަލުކުރުމަށް ނިންމަވާފައިވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަންކަން ތަންފީޒުކުރުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކުރެވެމުންދާކަމުގެ ފެހި ސިގުނަލްވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.



