ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ބިއްލޫރިގަނޑަކަށް ގެއްލުންދިން ބިދޭސީއަކު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެެވެ.
މުދަލަށް ގެއްލުން ދިންކަނުގެ ތުހުމަތާއެކު މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ ފިރިހެނެކެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ އެ މީހާ ހައްޔަރުކޮށްފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރި ކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވުމުން ކަމަށެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓާއި މޯލްޑިވްސް އިމިގްރޭޝަންގެ އިންސިޑެންޓް ރިޕޯޓް ހުށަހަޅާފައިވާ ކަމަށް ވަނީ ބުނެފައެވެ.
ހަމައެއާއެކު އޭނާ ހައްޔަރުކޮށްފައި ވަނީ އިޖުރާއަތާއި އެއްގޮތަށް ކަމަށާއި އޭނާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އެކެއްގެ އެރައިވަލް ހޯލުގައި ހުންނަ އިމިގްރޭޝަން ހޯލްޑިން ސެލްގެ ބިއްލޫރިގަނޑަށް ގެއްލުންދީފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އޭނާ ތުހުމަތާއި ގުޅިގެން އެއްވެސް ކަމެއް ފާހަގަކޮށްފައިނުވާ ކަމަށް ވަނީ ބުނެފައެެވެ.



