މިމަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު 16.1 އިންސައްތަ އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ޒިޔާރާތްކުރަމުންދިޔަ ފަތުރުވެރިންގެ އަދަދު ދިޔައީ ދަށްވަމުންނެވެ. އެހެންނަމަވެސް ސަރުކާރާއި ދާއިރާގެ ހިއްސާދާރުން ގުޅިގެން ކުރި މަސައްކަތުގެ ސަބަބުން މިހާރު ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ މިހާތަނަށް ރާއްޖެއަށް 147،201 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު 16.1 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ 126،830 ފަތުރުވެރިންނެވެ.
މިމަހުގެ މިހާތަަނަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވީނަމަވެސް، އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ 1.8 އިންސައްތަ ދަށްކޮށެވެ. އެގޮތުން އަހަރުގެ މިހާތަނަށް 1،750،222 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރާތްކޮށްފައިވަނީ 1،782،523 ފަތުރުވެރިންނެވެ.
އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރި 5 ގައުމު:
* ޗައިނާ: 326،741 ފަތުރުވެރިން
* ރަޝިއާ: 248،739 ފަތުރުވެރިން
* އިނގިރޭސިވިލާތް: 131،996 ފަތުރުވެރިން
* ޖަރުމަނުވިލާތް: 115،814 ފަތުރުވެރިން
* އިޓަލީވިލާތް: 103،504 ފަތުރުވެރިން


