ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ބޭރު ފައިސާ މާރުކުރަންޖެހޭ ފަރާތްތަކުން އެކަން ކުރުމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަނދާންކޮށްދީފި އެވެ.
އެމްއެމްއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން، ކޮންމެ މީލާދީ މަހެއްގައި ވެސް ބޭރު ފައިސާއިން ލިބޭ އާމްދަނީ އެ މަހާ ޖެހިގެން އަންނަ މަހުގެ 28 ގެ ކުރިން މާރުކުރަން ޖެހޭ ކަމަށެވެ.
އެ ގާނޫނާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރަން ހަނދާންކޮށްދޭ ކަމަށާއި ސުންގަޑި ހަމަވާއިރު ވެސް ގާނޫނާ އެއްގޮތަށް މާރުކުރުމުގެ އިލްތިޒާމް ފުރިހަމަ ނުކުރާ ފަރާތެއް ވާނަމަ އެ ފަރާތްތަކުގެ ނަން ކަނޑައެޅިފައިވާ އުސޫލާއެއްގޮތަށް ހާމަކުރާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.


