މޯލްޑިވްސް ޒަކާތު ހައުސްއިން ކުރިއަށްގެންދާ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް) ގައި މިއަހަރު ޚާއްސަ ކުރަނީ ފަގީރުކަން ނައްތާލުމަށް ކަމަށް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު އައްބާސް ވިދާޅުވެއްޖެއެވެ.
އިމްތިޠާއު މިހެން ވިދާޅުވީ ޒަކާތު ކޮންފަރެންސާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
އެގޮތުން އިމްތިޠާއު ވިދާޅުވީ އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރުގެ ކޮންފަރެންސަކީވެސް ގިނަ މައުލޫމާތުތައް ބަދަލުކުރެވި، ނަތީޖާ ނެރެވޭނެ ކޮންފަރެންސަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ. މިއަހަރު ބާއްވަނީ އިންޒެކްގެ 3 ވަނަ ކޮންފަރެންސެވެ.
އިމްތިޠާއު ވިދާޅުވީ ޒަމާނާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވެ، ފަގީރުކަމުގެ މާނަ އާއި އެކި އާއިލާތައް ފަގީރުކަމަށް ވެއްޓޭގޮތްތައް ތަފާތުވެފައިވާ ކަމަށެވެ. އަދި މާލީ ގޮތުން ކުރިމަތިވާ އެކި ގޮންޖެހުންތަކުގެ އަސަރު އާމްދަނީގެ ގޮތުން މެދުފަންތީގެ އާއިލާތަކަށް ވަރަށް ބޮޑަށް ކުރެވޭ ކަމަށާއި އެހެންވެ، މިއަހަރުގެ ކޮންފަރެންސް ޚާއްސަކޮށްފައިވަނީ އެކަމަށް ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ މިއަހަރުގެ އިންޒެކްގައި ޒަމާނީ މުޖުތަމަޢުގައި ފަގީރުކަން ދިމާވާ ސަބަބުތަކާއި ސިފަތަކަށް ބަލާލެވޭނެ ކަމަށާއި އެކި މުއައްސަސާތަކާއި ޒަކާތު ހައުސްއާއި ޕްރައިވެޓް ސެކްޓަރ އަދި ސިވިލް ސޮސައިޓީތައް ގުޅިގެން އެކަމަށް ގެނެވޭނެ ހައްލުތަކާބެހޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށެވެ. އެގޮތުން، އެކި ޤައުމުތަކުގައި ފަގީރުކަން ނައްތާލުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ މައްޗަށް ބަލާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
”ބައިނަލްއަގުވާމީ އެކި ތަޖުރިބާތައް، ފަގީރުކަން ނައްތާލުމުގެ އެކި ޕްރޮގްރާމްތަކާއި އެ ޕްރޮގްރާމްތައް ދިވެހިރާއްޖޭގެ ކޮންޓެކްސްޓަށް ތިރިކުރެވޭނެ ގޮތްތަކާ މެދުގައި އިރާދަކުރެއްވިއްޔާ ދީނީ ޢިލްމުވެރިންނާއި ޕޮލިސީ މޭކަރުންނާއި އަދި ޒަކާތުގެ އެޑްމިނިސްޓްރޭޓަރުންނާއި އަދި އެ ނޫންވެސް ކަމާބެހޭ މާހިރުން އިރާދަކުރެއްވިއްޔާ ވަރަށް ޝައުގުވެރި، ޢިލްމީ މައުލޫމާތުތަކެއް ފޯރުކޮށްދެމުން ދާނެ،“ އިމްތިޠާއު ވިދާޅުވިއެވެ.



