މަޖިލިސް ރައީސާ އެއްވަރަށް، އުއްތަމަ ފަނޑިޔާރުގެ އިނާޔަތް އިތުރުކޮށް، 95،000 ރުފިޔާއަށް ވުރެ ބޮޑު މުސާރައެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
އުއްތަމަ ފަނޑިޔާރަށް މިހާރު ލިބިވަޑައިގަންނަވަނީ މަހަކު 91،000 ރުފިޔާގެ މުސާރައެކެވެ.
އުއްތަމަ ފަނޑިޔާރުގެ އިނާޔަތްތަކާއި މުސާރަ މުރާޖާކޮށްދިނުމަށް އެދި މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫހު އެވެ.
އެގޮތުން މަމްދޫހު ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ މުސާރަ މުރާޖާކޮށްދިނުމަށް ހުށަހެޅުއްވީ، މުސާރަތަކަށް ގެނެވުނު ބަދަލުތަކާ އެކީ ރައްޔިތުންގެ މަޖިލީހުގެ ރައީސާ އެއްވަރުގެ މުސާރައެއް ދިނުމަށް ކަމަށެވެ. މިގޮތުން، އޭނާ ހުށަހެޅުއްވީ، މިހާރު އުއްތަމަ ފަނޑިޔާރަށް ލިބޭ އިނާޔަތްތައް މުރާޖާކޮށް، ޚާއްސަ އެލަވެންސެއްގެ ގޮތުގައި 4،125 ރުފިޔާ އިތުރު ކުރުމަށެވެ.
މި ބަދަލާއެކު، އުއްތަމަ ފަނޑިޔާރަށް ޖުމުލަ 95،125 ރުފިޔާގެ މުސާރައެއް ލިބިވަޑައިގަންނަވާނެއެވެ.
މި ހުށަހެޅުން ފާސްކޮށްފައި ވަނީ، ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.




