މޯލްޑިވްސް ޒަކާތު ހައުސްގެ ފުރަތަމަ އިސްތިރާޖީ ޕްލޭން މިއަދު އިފްތިތާހުކޮށްފިއެވެ.
މި ޕްލޭން ތައާރަފުކޮށްދެއްވީ އިނަޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް، އިންޒެކް 2026 ފެށުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން 2026ން 2028 އަށް އެކުލަވާލާފައިވާ މި އިސްތިރާޖީ ޕްލޭނަކީ ޒަކާތުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ޒަކާތް ބަލައިގަންނަ މިންވަރު އިތުރުކުރުމަށާއި، އުފެއްދުންތެރި ޒަކާތުގެ ޕްރޮގްރާމްތައް ފުޅާކުރުމުގެ އިތުރުން އިދާރާގެ ޤާބިލުކަން އިތުރުކުރުމަށް އެކުލަވައިލެވިފައިވާ ތިން އަހަރު ދުވަހުގެ މަގުޗާޓެކެވެ.
އެގޮތުން މިއީ ޒަކާތުގެ އިދާރީ ނިޒާމު ޒަމާނީކުރުމަށާއި، އިޖުތިމާޢީ ރައްކާތެރިކަމާއި އިޤްތިޞާދީ ފުދުންތެރިކަން ކުރިއެރުވުމުގައި މޯލްޑިވްސް ޒަކާތު ހައުސްގެ ދައުރު ވަރުގަދަކުރުމަށް އެކުލަވައިލެވިފައިވާ އޮނިގަނޑެއް ކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.
އިސްތިރާޖީ ޕްލޭނުގައި ޒަކާތު ހައުސްއިން ވަނީ އިސްކަންދޭނެ މައިގަނޑު ހަތަރު ކަމެއް ފާހަގަކޮށް، އެ ކަންކަން ހާސިލުކުރުމަށްޓަކައި ކަމާގުޅޭ ފަރާތްތަކުގެ ބައިވެރިވުމާއި، މާލީ ނަތީޖާއާއި، އޮޕަރޭޝަނަލް ހިންގުންތެރިކަމާއި، އަދި ދަސްކުރުމާއި ކުރިއެރުމުގެ ދާއިރާތައް ހިމެނޭހެން ސްޓްރެޓީޖިކް ލަނޑުދަނޑިއެއް ކަނޑައަޅާފައެވެ. އެ އިދާރާއިން އިސްކަންދޭ މައިގަނޑު ދާއިރާތަކަކީ އިތުބާރު ދެމެހެއްޓުމާއި ޢާންމުން ހޭލުންތެރިކުރުވުން، ޒަކާތް ބަލައިގަންނަ މިންވަރާއި ވަސީލަތްތައް އިތުރުކުރުން، އުފެއްދުންތެރި ޒަކާތް ކުރިއެރުވުން އަދި މަސައްކަތްތައް ޒަމާނީކުރުމާއި އިދާރާގެ ޤާބިލުކަން އިތުރުކުރުމެވެ.


