ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ހުކުމް އިއްވުމަށް މާދަމާއަށް ތާވަލުކުރި ޝަރީއަތުގެ މަޖިލިސް ކްރިމިނަލް ކޯޓުން ކުއްލި ގޮތަކަށް ފަސްކޮށްފިއެވެ.
މި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން ކުރަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ. ދައުލަތުން ތުހުމަތުކުރާ ގޮތުގައި ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި، އެ ފައިސާ ވަނީ ލޯންޑާ ކުރައްވައިފަ އެވެ.
މި މައްސަލައިގެ އަޑުއެހުންތައް ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ކުރިން ވިދާޅުވެފައި ވަނީ މި މަހުގެ 29 ވަނަ ދުވަހު ހުކުމް އިއްވުން އޮންނާނެ ކަމަށެވެ. ނަމަވެސް، ކްރިމިނަލް ކޯޓުން ނެރުނު މާދަމާގެ ތާވަލުގައި އެ މައްސަލަ ހިމަނާފައެއް ނުވެ އެވެ. އަދި އަޑުއެހުން މާދަމާ ނޯންނާނެ ކަން ދެ ފަރާތުގެ ވަކީލުންނަށް ކޯޓުން އަންގާފައި ވީ ނަމަވެސް، މައްސަލަ ފަސްކުރި ސީދާ ސަބަބެއް ކޯޓަކުން ހާމައެއް ނުކުރެ އެވެ.
މި މައްސަލައިގައި ޔާމީންގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ރިޝްވަތު ދިނުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އުފުލި އެވެ. އަދި މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ތުހުމަތުގައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވެސް ދައުވާ ކުރި އެވެ. އެހެން ނަމަވެސް، ކްރިކް ރިޒާގެ މައްސަލަ ދައުލަތުން ފަހުން އަނބުރާ ގެންގޮސްފައިވާއިރު، ސަންގެ ދެ ކުންފުންޏަށް ކުރި ދައުވާ ކޯޓުގައި ސާބިތެއް ނުވި އެވެ. އެ ނިންމުން އިސްތިއުނާފު ނުކުރަން ވެސް ދައުލަތުން ވަނީ ނިންމައިފަ އެވެ.
މައްސަލައިގެ ހުލާސާ ބަޔާން އިއްވަވަމުން ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާތަކަށް ފުރިހަމައަށް އިންކާރު ކުރައްވައި، މިއީ އެއްވެސް ގާނޫނީ އަސާސެއް ނެތް މައްސަލައެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މި މައްސަލައިގައި ހިމެނުނު އެހެން ހުރިހާ ފަރާތްތަކެއް ދޫކޮށްލުމަށްފަހު ހަމައެކަނި އެމަނިކުފާނުގެ މައްޗަށް ދައުވާ ކުރިއަށް ގެންދާތީ، ދައުލަތުގެ ނިޔަތާ މެދު ޔާމީންގެ ދިފާއީ ޓީމުން ވަނީ ވަރަށް ބޮޑަށް ސުވާލު އުފައްދައިފަ އެވެ.
މީގެއިތުރުން، ދައުލަތުން ހުށަހެޅި މައިގަނޑު ހެކިން ކަމަށްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަކީ ފާސިގުން ކަމަށާއި، ޔާމީނާ މެދު ޒާތީ އަދާވަތްތެރިކަން އޮތް ބައެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ އެ ހެކިބަހުގެ މައްޗަށް ބުރަވެ ކުށް ސާބިތު ނުކުރެވޭނެ ކަމަށް ވަކީލުން ފާހަގަކުރެއްވި އެވެ.
ފުއްގިރި މައްސަލައިގެ އިތުރުން، ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މައްސަލާގައި ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ތަހުވީލުކޮށްފައިވާތީ އެ މައްސަލައިގެ ޝަރީއަތް ވެސް މިހާރު ދަނީ ހިނގަމުންނެވެ.



