ތިލަމާލެ ބްރިޖު މަޝްރޫޢުގެ ދަށުން، ވިލިމާލެއާއި ގުޅިފަޅު ބްރިޖުން ގުޅާލައިފިއެވެ.
ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ރޭގައި ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން، ވިލިމާލެ އާއި ގުޅިފަޅުގެ އެންމެ ފަހު ސެގްމަންޓް ގުޅުވާލާފައިވާ ކަމަށެވެ. އެހެންވެ، ވިލިމާލެ އާއި ގުޅިފަޅު މިހާރު ބްރިޖަކުން ގުޅާލެވިފައިވާ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
މި ކާމިޔާބީ ހާސިލް ކުރުމުގައި ބްރިޖު އަޅާ ކުންފުނި އެފްކޮންސް، ބްރިޖުގެ ކޮލިޓީ ކަށަވަރު ކުރުމުގައި ހަރަކާތްތެރިވަމުން އަންނަ މިނިވަން ކޮންސަލްޓަންޓު، އަރޫޕަށް އަދި ހައުސިން މިނިސްޓްރީގެ ޓީމަށް، މިނިސްޓަރު މުއްޠަލިބު ވަނީ މަރުހަބާ ވިދާޅުވެފައެވެ.
އަދި މިކަމުގައި އިންޑިއާގެ ސަރުކާރުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް މުއްތަލިބް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން، މާލެ އާއި ވިލިމާލެއާ ގުޅުވާލީ މީގެ ދެ މަސް ކުރިން، އޮގަސްޓް 22 ގައެވެ.
ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.




