ސްކޭމްކޮށްގެން މީހެއްގެ އެކައުންޓުން ފައިސާ ފޭރުނުކަމުގެ ތުހުމަތުގައި ހަތަރުމީހުން ހައްޔަރުކޮށްފިއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ކާކުކަން ނޭނގޭ ފަރާތަކުން، މީހަކަށް ގުޅައިގެން އޯޓީޕީ ކޯޑު ހޯދައި، އެ ކޯޑު ބޭނުންކޮށްގެން ބެންކު އެކްސެސް ހޯދައި، މީހެއްގެ އެކައުންޓުން 63،000 ރުފިޔާއާއި، 21،000 ޑޮލަރު މަކަރާއި ހީލަތުން ފޭރުނު މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅާފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް / ދޫޑިގަން. ގޯލްޑަންގޭޓް، އިބްރާހީމް ޝާރިފް (34އ) އާއި ފ. ފީއަލި / މަތަރެސްމާގެ، ޖިނާޙު އަޙްމަދު (29އ) އާއި ފ. ނިލަންދޫ / ނަޒުމު، އިބްރާހީމް މުޢާޒު (38އ) އަދި ލ. ގަން / މަތިމަރަދޫ. ލިލީނައިޓް، ޢަލީ ދާއިން (21އ) އެވެ. މި މީހުންގެ ތެރެއިން ތިން މީހުން ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 28 ވަނަ ދުވަހުއެވެ. އަނެއް މީހާ ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 29 ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޖިނާހު އަޙްމަދު 10 ދުވަހަށް އަދި ދެންތިބި ތިން މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.




