ނަސްރުގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ބާއްވަން ޖުމްހޫރީ މައިދާން ސަރަހައްދު މާދަމާ ބަންދުކުރަން ނިންމައިފިއެވެ.
ފުލުހުން މިއަދު ބުނީ، ނަސްރުގެ ދުވަހުގެ ހަރަކާތްތަކާ ގުޅިގެން މާދަމާ ބަންދުކުރަން ނިންމާފައިވަނީ ޖުމްހޫރީ މައިދާނާއި ޝަހީދުންގެ ބިނާ އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތަކާއި އެ ސަރަހައްދުގެ ފަޅު ކަމަށެވެ.
ނަސްރުގެ ދުވަހުގެ ހަރަކާތްތައް މާދަމާ ފަތިހުން ފެށިގެން ރެއާ ހަމައަށް ކުރިއަަށްދާތީ، މާދަމާ އެއްކޮށް އެ ސަރަހައްދު ބަންދުވާނެއެވެ.
ނަސްރުގެ ދުވަހުގެ ހަރަކާތްތައް:
° ޖަމާއަތުގައި ފަތިސް ނަމާދު: ފަތިހު 04:00 އިން ފެށިގެން ނަމާދު ނިމެންދެން، އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތައް އެއްގަމު ދަތުރުފަތުރަށް ބަންދުވާނެ
° ޝަހީދުންގެ ބިނާގައި ދިދަ ނެގުން: ފަތިހު 04:00 އިން ފެށިގެން އެ ރަސްމިއްޔާތު ނިމެންދެން، ޝަހީދުންގެ ބިނާ އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތައް އެއްގަމު ދަތުރުފަތުރަށް ބަންދުވާނެ
° މިލިޓަރީ ޑިސްޕްލޭ: މެންދުރުފަހު 1:30 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތަކުގެ އިތުރުން ފަޅާއި ކަނޑުގެ ސަރަހައްދު ވެސް ބަންދުވާނެ
° ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ: އިރުއޮއްސި 6:30 އިން ފެށިގެން ޖަލްސާ ނިމެންދެން، ޖުމްހޫރީ މައިދާން ވަށައިގެންވާ މަގުތަކާއި އެ ސަރަހައްދުގެ ފަޅު ބަންދުވާނެ
ނަސްރުގެ ދުވަހަކީ، 3 ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖޭގެ މިނިވަންކަން ނަގާލައި، ރާއްޖެ ހިފުމަށް ޝްރީ ލަންކާގެ ތަމަޅަ ޓައިގަރުން މާލެއަށް އަރައި ހަމަލާދިން ދުވަހެވެ. އެ ބިރުވެރިކަމުން ރާއްޖެ ސަލާމަތްވީ ހިތްވަރުގަދަ ސިފައިންނާއި އިންޑިއާ ސިފައިންގެ ވެސް އެހީތެރިކަމާ އެކުގައެވެ.



