ސިއްހީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗު) އާއި އިތުރު ފަސް ހޮސްޕިޓަލެއްގެ ގަވަނިން ބޯޑު އުވާލައި މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމްޓީއެޗުޖީ) ސަރުކާރުން އުފައްދައިފިއެވެ.
މިކަން ރޭގައި އިއުލާނުކުރަމުން ރައީސް އޮފީހުން ބުނީ، މި ބަދަލު ގެނައީ ސަރުކާރުގެ ޓާޝަރީ ހޮސްޕިޓަލްތަކާއި އެ ފެންވަރަށް ތަރައްގީ ކުރަމުންދާ ސަރުކާރު ހޮސްޕިޓަލްތައް، އެއް ގަވަނިން ބޯޑެއްގެ ދަށުން، ”ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލް“ އަކަށް ހިންގުމުގެ ގޮތުން ކަމަށެވެ.
މި ބަދަލާއެކު އުވާލާފައިވަނީ:
° މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗު)
°ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ގަވަނިން ބޯޑު
° ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ގަވަނިން ބޯޑު
° ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ ގަވަނިން ބޯޑު
° ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ގަވަނިން ބޯޑު
° އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ގަވަނިން ބޯޑު
ރައީސް އޮފީހުން ބުނި ގޮތުގައި، މި ތަންތަން އުވާލާފައި އުފެއްދި އެމްޓީއެޗުޖީގެ ގަވަނިން ބޯޑު ހިންގާނީ ރައީސް މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ސީދާ އެ މަނިކުފާނަށް ޖަވާބުދާރީވާ ގޮތަށެވެ. އަދި ބޯޑު ހުންނާނީ ހެލްތު މިނިސްޓްރީގެ ދަށުގައި ކަމަށް ވެސް ބުނެފައިވެއެވެ.
ރައީސް އޮފީހުން ވަނީ މި ބޯޑުގެ ވެރިންގެ ތަފްސީލުތައް ވެސް އާއްމުކޮށްފަ އެވެ. އެގޮތުން ޗެއާޕާސަނަކީ ޑރ. އަބްދުލްއަޒީޒު ޔޫސުފް އެވެ. އަދި ވައިސް ޗެއާޕާސަނަކީ ހުސެން ސަލީމް އެވެ.
އެއާ އެކު، ދެން މި ލިސްޓުގައި ހިމެނިވަޑައިގަންނަވަނީ ސަރުކާރުގެ ބޮޑެތި ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލުތަކުގެ އިސް މުވައްޒަފުންނެވެ.
މި ބޯޑުން ބަލަހައްޓާ ތަންތަން:
° ދަރުމަވަންތަ ހޮސްޕިޓަލް
° އައިޖީއެމްއެޗު
° ހުޅުމާލެ ހޮސްޕިޓަލް
° ވިލިމާލެ ހޮސްޕިޓަލް
° މޯލްޑިވިއަން ބްލަޑް ސާވިސަސް، އެތަނުން ހިންގާ ތެލަސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓަރު
° ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
° އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް
° އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
° ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް
° ގަން ރީޖަނަލް ހޮސްޕިޓަލް
° ފުވައްމުލަކު ހޮސްޕިޓަލު




