ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި، ރާއްޖެއަށް ގޭސް އެތެރެ ކުރުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅިގެން އެ ޚިދުމަތް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށްޓަކައި މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ގޭސް އަޅައިދޭ މިންވަރަށް ބަދަލުތަކެއް ގެނައުމަށް މޯލްޑިވް ގޭހުން ނިންމައިފިއެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މޯލްޑިވް ގޭހުން ވަނީ، ގޭސް އަޅައިދޭނެ މިންވަރުތައް މިއަދު އިއުލާނު ކޮށްފައެވެ.
އެގޮތުން:
° 10 ކިލޯގެ ފުޅިއަކަށް ދެން އަޅައިދޭނީ 7 ކިލޯގެ ގޭހެވެ.
° 22 ކިލޯގެ ފުޅިއަކަށް ދެން އަޅައިދޭނީ 14 ކިލޯގެ ގޭހެވެ.
° 45 ކިލޯގެ ފުޅިއަކަށް ދެން އަޅައިދޭނީ 31 ކިލޯގެ ގޭހެވެ.

މި ބަދަލާ ގުޅިގެން ގޭހުގެ އަގު ބޮޑުވެގެން ނުދާނެކަމުގެ ޔަގީންކަން މޯލްޑިވް ގޭހުން ވަނީ ދީފައެވެ. އަދި ފައިސާ ނަގަމުންދާނީ ފުޅިއަށް އެޅޭ ގޭހުގެ ބަރުދަނަށް، މިހާރުވެސް ކަނޑައަޅާފައިވާ ކިލޯ ރޭޓުން ކަމުގައި ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަށް މިހާރުވެސް ކުރަމުންދާ ކަމުގައި މޯލްޑިވް ގޭހުން ވަނީ ބުނެފައެވެ. އަދި އެ މަޝްރޫއު ނިމުމުން، ތިން މަސް ދުވަހުގެ ގޭސް އެއްފަހަރާ ރައްކާކުރެވި މިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމުގައިވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މޯލްޑިވް ގޭހުން ގެނައި މި ބަދަލާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ ކުންފުނިން ވަނީ ނިހާޔަތަށް މައާފަށް އެދިފައެވެ.



