ދައުލަތުގެ ޚަރަދުތައް ކުރުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ މަސައްކަތްތައް ނިންމާނެ ސުންގަޑިއެއްގެ ގޮތުގައި މި މަހުގެ 19 ވަނަ ދުވަސް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން ކަނޑައަޅައިފިއެވެ.
އެ ކޮމިޓީން ވަނީ ބަޖެޓާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީ ހާޒިރުކުރާނެ ތާރީހެއްގެ ގޮތުގައި މި ހިނގާ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަސް ކަނޑައަޅައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 231 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލްގެ އޮޕީނިއަން ބަޖެޓާ މެދު ހޯދާ މަޖިލީހަށް ހާޒިރު ކުރާނެ ދުވަހަކާ ގުޅޭ ގޮތުން ވެސް ކޮމިޓީގައި މަޝްވަރާކޮށްފައިވެ އެވެ. ނަމަވެސް، އެކަމަށްޓަކައި އަދި ވަކި ދުވަހެއް ކަނޑައަޅާފައެއް ނުވެއެވެ.
ކޮމިޓީން ވަނީ މިނިވަން މުއައްސަސާތަކުގެ ތެރެއިން ކޮމިޓީއަށް ހާޒިރުކުރާނެ މުއައްސަސާތައް ކަނޑައެޅުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފައެވެ. އެކަމުގައި މިނިވަން މުއައްސަސާތަކުގެ ފަރާތުން ލިޔުމުން ހުށަހަޅާ، ބަޖެޓާ ގުޅޭ ގޮތުން ހިޔާލު ހޯދާނެ މިނިވަން މުއައްސަސާތައް ކަނޑައެޅުމުގެ ބާރު އިދާރީ މޭޒަށް ދޭން، ފޮނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅި ނިންމުން ވެސް ވަނީ ކޮމިޓީން ފާސްކޮށްފައެވެ. އެކަން އެގޮތަށް ފާސްކުރުމުން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ މިނިވަން މުއައްސަސާތަކަށް ކޮމިޓީއަށް އަައިސް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ބަންދު ނުކުރުމަށް ހުށަހަޅައިފަ އެވެ. އަދި އެކަން އެގޮތަށް ކުރިއަށް ގެންދަން ވެސް ކޮމިޓީ މެންބަރުން ވަނީ ތާއީދުކޮށްފަ އެވެ.
”އަޅުގަނޑުމެން ލިޔުންތައް ގެނައުމަށްފަހު އެ ލިޔުންތަކަށް ބަލާފައި، ބައްދަލުކުރަން ބޭނުންވާ ފަރާތަކަށް (މިނިވަން މުއައްސަސާތައް) ބައްދަލުކުރާގޮތަށް ހަދާނީ،“ ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމު ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އެ ބަޖެޓްގެ އޯވަރޯލް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކުރަނީ 9.4 ބިލިއަން ރުފިޔާގައެވެ.


