ފެނަކަ ކޯޕަރޭޝަންގެ ހިޔާނާތުގެ މައްސަލައިގައި އެއް އަހަރާއި ހަތް މަސް ދުވަހުގެ ޖަލު ހުކުމެއް އެ ކުންފުނީގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރްޔަމް ދީނާ ޞާލިޙު ސިއްހީ ހާލަތަށް ރިޢާޔަތްކޮށް ގޭބަންދަށް ބަދަލުކޮށްފިއެވެ.
ދީނާ ގޭބަންދަށް ބަދަލުކޮށްފައި މިވަނީ އޭނާއަށް އެ ހުކުމް އިއްވިތާ މަހެއްހާ ދުވަސް ވެސް ނުވަނީހެވެ.
އެނގިފައިފާ ގޮތުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދީނާ ގޭބަންދަށް ބަދަލުކުރީ އޭނާގެ ސިއްހީ ހާލަތު ގޯސްވެ، ޖަލު މާޙައުލުގައި ފަރުވާ ކުރިއަށް ގެންދިއުމަށް ދަތިތަކެއް ހުރުމުން ޑޮކްޓަރުންގެ ލަފާގެ ދަށުންނެވެ.
ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 27 ގައި މި މައްސަލައިގެ ޙުކުމް އިއްވި އަޑުއެހުމުގައި ދީނާގެ ދިފާޢީ ވަކީލުން ވަނީ ސިއްހީ ސަބަބުތަކަށްޓަކައި އޭނާގެ އަދަބު ގޭބަންދަށް ނުވަތަ ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. ވަކީލުން ފާހަގަކުރެއްވި ގޮތުގައި ދީނާއަކީ ނޭވާލާ ނިޒާމުގެ ބައްޔެއް ހުންނަ ފަރާތަކަށް ވުމުގެ އިތުރުން، އޭނާއަކީ ތުއްތު ކުދިންތަކެއް ބަލަހައްޓަމުން އަންނަ އެކަނިވެރި މައެކެވެ.
ނަމަވެސް އެ ދުވަހު ޝަރީޢަތުން ނިންމީ ޖަލުގައި ނުބެހެއްޓޭނެ ފަދަ ޞިއްޙީ ހާލަތެއް ހުރިކަމުގެ އެކަށީގެންވާ މެޑިކަލް ލިޔުމެއް އެ ވަގުތު ހުށަހެޅިފައި ނުވާ ކަމަށެވެ. އަދި ދައުލަތުގެ ކުންފުންޏެއްގެ އިސް މަޤާމެއްގައި ހުރެ ހިންގާފައިވާ މިފަދަ ކޮރަޕްޝަންގެ ކުށްތަކަކީ މުޅި މުޖުތަމަޢުގެ މަސްލަޙަތާ ގުޅިފައިވާ ޖިނާއީ ބޮޑެތި ކުށްތަކަކަށް ވާތީ އަދަބު ލުއިކޮށްދެވެން ނެތް ކަމަށް ވެސް ޝަރީއަތުން އެ ދުވަހު ނިންމިއެވެ.



