މިދިޔަ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު ފުލުހުން ވިލިމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ހައްޔަރުކުރި ފިލްމީ ތަރިން ކަމަށްވާ އަހްމަދު އަޒްމީލް (އަޒޭ)، އިސްމާއިލް ޖުމައިހް (ޖުމާ) އަދި މުޙައްމަދު ވިޝާލް (ރޯމަން) ވެސް މަސްތުވާތަކެތި ބޭނުންކުރި ކަމަށް މިއަދު ޝަރީއަތުގައި އިއުތިރާފުވެއްޖެއެވެ.
މި މައްސަލައިގައި އިތުރަށް ހައްޔަރުކުރީ އަޒޭގެ ކޮއްކޮއެއް ކަމަށްވާ ޝާހިލް މުޙައްމަދެވެ.
އަޒޭ އާއި ޖުމާއާއި ރޯމަން ވެސް ވަނީ ކުށަށް އިއުތިރާފު ވެފައެވެ.
އޭގެ ތެރެއިން އަޒޭގެ މައްޗަށް އުފުލީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. އަދި ރޯމަންގެ މައްޗަށް އުފުލީ ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. މަސްތުވާތަކެތީގެ އިތުރު މައްސަލައެއް ޖުމާގެ މައްޗަށް ހުށަހެޅިފައި ނުވާތީ، އޭނާއާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދަން ނިންމައިފައިވާ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައިވެއެވެ.
ދައުލަތުން ވަނީ އަޒޭއާއި ރޯމަންގެ މައްސަލަ ޑްރަގު ކޯޓަށް ހުށަހަޅަން ވެގެން، އެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރި ދައުވާތައް އަނބުރާ ގެންދަން މިއަދުގެ އަޑުއެހުމުގައި އެދިފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި އަޒޭގެ ކޮއްކޮ ޝާހިލްގެ މައްޗަށް ތުހުމަތުކުރި މައްސަލައިގެ ތަފުސީލެއް އަދި ލިބިފައެއް ނުވެއެވެ.
ފުލުހުން އޭރު ބުނި ގޮތުގައި އެ ތިން ފިލްމީ ތަރިން ތިބި ކޮޓަރި ފުލުހުން ބާރުގެ ބޭނުން ކޮށްގެން ހުޅުވިއިރު، ކޮޓަރީގައި ހުރި މޭޒެއްގެ މަތީގައި މަސްތުވާތަކެތި ހާމައަށް ހުއްޓެވެ. އަދި އެ ކޮޓަރީގައި އެ ތިން މީހުން ތިބިކަން ވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން އެ ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި ޓްރެފިކިން މިންގަނޑަށް އަރާވަރަށް މަސްތުވާތަކެތި ހުރިކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ތިން ތަރިންގެ ތެރެއިން އަޒޭއާއި ރޯމަންގެ ހައްޔަރާއި ބަންދު ރެކޯޑު އޮތް ކަން ކޯޓު އަމުރުގައި މީގެ ކުރިން ފާހަގަކޮށްފައިވެއެވެ.




