ދިވެހި ސިފައިންގެ ފަރާތުން ފަލަޞްޠީނު ފަންޑަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި އެވެ.
ސިފައިންގެ ފަރާތުން މިއަދު މިފައިސާ ހަދިޔާކުރީ ރައީސުލްޖުމްހޫރިއްުޔާ ޑރ. މުއިއްޒުގެ އިރުޝާދުގެ ދަށުން ޕީއެސްއެމްއާއި އެހެން މީޑިއާތައް ގުޅިގެން މިއަދު ކުރިޔަށްގެންދާ ”ފަލަޞްޠީނާއެކު ދިވެހީން“ ޓެލެތޯންގެ ތެރެއިންނެވެ. ސިފައިންގެ ފަރާތުން ހަދިޔާ ކުރި 2،169،826.32 ރުފިޔާގެ ރަމްޒީ ޗެކް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯރސް، މޭޖަރ ޛެނެރަލް އިބްރާހިމް ހިލްމީއެވެ.
ފަލަޞްޠީން ފަންޑަށް ފައިސާ ހަވާލުކުރެއްވުމުގެ ކުރިން ޓެލެތޯން ލައިވްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ، ފަލަޞްޠީނަށް ދިމާވެފައި މިއޮތްހާލަތުގައި ބައިނަލްއަގުވާމީ މަސްޜަހުގައި އެންމެ ފާހަނގަކުރެވޭ އިސްލާމީ ލީޑަރަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުކަމަށެވެ. އެގޮތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކޮންމެ ފުރުސަތެއްގައި އަދި ބައިވެރިވަޑައިގަންނަވާ ކޮންމެ ފޯރަމެއްގައި ފަލަޞްޠީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވާކަމަށެވެ. އަދި އެކަމަށްޓަކައި ހުރިހައި ދިވެހިން އެމަނިކުފާނާމެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޣައްސާން ވިދާޅުވީ، މިއަދު ކުރިޔަށްދާ ޓެލެތޯން އަކީވެސް ރައީސް ޑރ. މުހަމައްދު މުއިއްޒު ފަލަޞްޠީނުގެ ރައްޔިތުންގެ ހައްގުގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައެއް ކަމަށާއި، ޓެލެތޯން ކުރިޔަށްދަނީ އެމަނިކުފާނުގެ އިރުޝާދާއި އެކުގައި ކަމަށެވެ. އަދި ސިފައިން މިއަދު މި ހަދިޔާކުރި ފައިސާއަކީ، ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް ޑރ. މުއިއްޒު ފެއްޓެވި މަސައްކަތަށް ސިފައިން އިޖާބަދިނުމުގެ ގޮތުން، ހުށިޔާރުކަމާއެކު ސިފައިން ކުރި މަސައްކަތުން އެއްކުރި ފައިސާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރުވަނީ މި ޓެލެތޯންގެ ފުރުސަތުގެ ބޭނުންހިފައި ޓެލެތޯންގެ ބާކީ މިއޮތް ވަގުތުގައި ހުރިހައި ރައްޔިތުންވެސް ވީވަރަކުން ފަލަޞްޠީނުގެ ރައްޔިތުންނަށް އެހީތެރިވެދިނުމަށް އެދިވަޑައިގެންފައެވެ. ސިފައިންވެފައި މިވަނީ، އެއް މުއައްސަސާއަކުން މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފަލަޞްޠީނު ފަންޑަށް ފައިސާ ހަދިޔާކުރި މުއައްސަސާއަށެވެ.




