އިންޑިއާގައި ފަސިންޖަރުން އުފުލާ ރޭލަކާއި، މުދާ އުފުލާ ރޭލެއް ޖެހި ހިނގި އެކްސިޑެންޓްގައި 8 މީހުން މަރުވެއްޖެ އެވެ.
އިންޑިއާގެ އިރުމަތީ ސްޓޭޓޭއްކަމަށްވާ ވެސްޓް ބެންގާލް މިއަދު ހެނދުނު ހިނގި މިއެކްސިޑެންޓްގައި 8 މީހުން މަރުވެފައިވާއިރު، މީގެތެރޭގައި ކާގޯ ރޭލު ދުއްވަން އިން މީހާއާއި އޭނާގެ އެހީތެރިޔާއާއީ ފަސިންޖަރުން އުފުލާ ރޭލުގެ ގާޑެއްވެސް ހިމެނެއެވެ. މި ހާދިސާގައި 60 މީހުން ޒަޚަމްވެފައިވާއިރު، އެމީހުންނަށް ސިލިގުރީގެ މެޑިކަލް ކޮލެޖްގައި ފަރުވާ ދެމުން އަންނަ ކަމަށާއި، އޭގެތެރެއިން ބައެއް މީހުންގެ ހާލަތު ސީރިއަސްކަމުން މަރުވާ މީހުންގެ އަދަދު އިތުރުވުމަކީ ގާތްކަމެއް ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ. މި އެކްސިޑެންޓުގައި މުދާ އުފުލާ ރޭލުގެ އިންޖީނު ހަލާކުވެ، 3 ކޮމްޕާޓްމެންޓެއް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
މިއެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އަދި ކަށަަވަރުވެފައެއް ނުވެއެވެ. ކަމާއި ބެހޭ ފަރާތްތަކުން މިހާރު ތަހްގީގު ކުރަން ފަށާފައިވާއިރު އެކްސިޑެންޓް ހިނގިކަމަށް ބޮޑަށް ބެލެވެނީ އިހުމާލަކުންކަމަށް ރިޕޯޓްތައް ބުނެއެވެ. މި އެކްސިޑެންޓާއި ގުޅިގެން ހިންގި ރެސްކިއު އޮޕަރޭޝަން ވަނީ ނިންމާލާފަ އެވެ.
މި އެކްސިޑެންޓާ ގުޅިގެން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ، މިއީ ވަރަށް ފުން ހިތާމައެއް ލިބިގެންދިޔަ ޚަބަރެއް ކަމަށެވެ. އަދި މޯދީ ވަނީ މިހާދިސާގައި މަރުވީ މީހުންގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، ޒަޚަމްވީ މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފަ އެވެ. މީގެ އިތުރުން މޯދީވަނީ މަރުވި ކޮންމެ މީހެެއްގެ އާއިލާއަށް ބަދަލުގެ ގޮތުގައި ދެލައްކަ ރުޕީސް އަދި ޒަޚަމްވި ކޮންމެ މީހެއްގެ އާއިލާއަށް 50،000 ރުޕީސް ސަރުކާރުން ދޫކުރާނެކަން އިއުލާނު ކުރައްވާފަ އެވެ.
މިދިޔަ އަހަރުވެސް އިންޑިއާގެ އޮދިއްޝާ ސްޓޭޓްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއެވެ. އެ އެކްސިޑެންޓުގައި 290 މީހުން މަރުވެ 1،000އަށް ވުރެ ގިނަ މީހުން ޒަޚަމްވި އެވެ.




