ކަސްޓަމްސް އޮފިސަރުންގެ އަބުުރު ކަތިލައި، ކަސްޓަމްސްގެ ޚިދުމަތާމެދު އާންމުންނަށް އޮޅުން އަރާގޮތަށް ދޮގު ހަދައި ޚަބަރު ފެތުރުމަކުން ކަސްޓަމްސްގެ އޮފިސަރުން އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމަކުން ނުހުއްޓުވޭނެކަމަށާއި، ވަގު ވިޔަފާރި ކުރުން ހުއްޓުވުމުގައި އޮފިސަރުން ދެމި ތިބޭނެކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، ޔޫސުފް މާނިއު ވިދާޅުވެއްޖެއެވެ.
މާނިއު މިހެން ވިދާޅުވެފައި މިވަނީ ދާދި ފަހުން އޮޅުވާލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު ސިނގެރެޓް ކޮންޓެއިނަރެއް ކަސްޓަމްސްއިން ހިފަހައްޓާފައިވާތީ އެކަމާއި ގުޅިގެން އާންމުގެ މެދުގައި ކަސްޓަމްސްއަށް އޮންނަ އިތުބާރު ގެއްލޭފަދަ ގޮތަކަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވާހަކަ ފަތުރަމުންދާ ދަނޑިވަޅެއްގަ އެވެ.
މާނިއު އެކްސްގައި މިކަމާއި ގުޅިގެން ހިއްސާކުރެއްވި މެސެޖެއްގައި ވަނީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މެސެޖުތައް، ވަކިން ޚާއްސަކޮށް ފޭކް އެކައުންޓުތަކުން ކަސްޓަމާ ގުޅޭގޮތުން ފަތުރަމުންދާ ވާހަކަތައް ގަބޫލު ނުކުރުމަށް އާންމުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި އެކި މަންސަތަކުގައި ކަސްޓަމާއި ގުޅޭގޮތުން ދައްކަމުންދާ ވާޙަކަތަކުގެ ޙަޤީޤަތާއި ދޮގު ވަކިކުރަން ޖެހޭކަމަށް މާނިއު ވިދާޅުވެފައި ވެއެވެ.
މާނިއު ވިދާޅުވެފައިވަނީ، ގާނޫނާއި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރުމާއި، ރާއްޖެއަށް ވަގަށް މުދާ އެތެރެކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަސްޓަމްސްގެ ގަވާއިދުތައް ހަރުދަނާކުރެވިފައިވާކަމަށާއި، އެ ގަވާއިދުތައް ކަސްޓަމްސްގެ އޮފިސަރުން ފުރިހަމަޔަށް ތަންފީޒުކުރަމުންދާކަމަށެވެ. އަދި، މިމަސައްކަތުގެ ދަށުން ދާދި ފަހުން ގާބިލު ކަސްޓަމްސް އޮފިސަރުންގެ ހުށިޔާރުކަމުން، ޑިކްލެއާ ނުކޮށްހުރި ސިނގިރޭޓް ކޮންޓެއިނަރެއް ދެނެގަނެ އަތުލައިގެންފައިވާކަން ފާހަނގަކުރައްވާފައި ވެއެވެ. މިއީ، ކަސްޓަމްސްގެ ތަންފީޒީ ނިޒާމު ހަރުދަނާވެފައިވާކަން ހާމަވެގެންދާކަމެއްގެ ގޮތުގައި މާނިއު ސިފަކުރައްވާފައި ވެއެވެ.
މާނިއު ވިދާޅުވީ ބޯޑަރުގައި، ނުވަތަ އެމްޕީއެލް ސަރަަހައްދުގައި ހަރަކާތްތެރިވާ ކަސްޓަމްސް އޮފިސަރުން ވަރަށް ކައިރި މުސްތަގްބަލެއްގައި ބޮޑީ ކެމެރާ ބޭނުންކުރަން ފަށާނެކަމަށާއި، އޭގެ ސަބަބުން ކަސްޓަމްސްގެ އޮޕަރޭޝަންތަކުގެ ނަޒާހަތްތެރިކަން އިތުރަށް ކަށަަވަރުވެގެންދާނެކަމަށެވެ. މާނިއު އިތުރަށް ވިދާޅުވީ ޖަރީމާތައް ހިންގާ މީހުން އެއަމަލު ހިންގުމަށްފަހު އެކަން އަނބުރާލަން، ކަސްޓަމްސް އޮފިސަރުންގެ ބޮލުގައި ދޮގު ބަދުނާމު އަޅުވަމުންދާ ކަމަށާއި، އެހެން އެކަންކުރިޔަސް ކަސްޓަމްސް އޮފިސަރުންގެ މަސައްކަތް ނުހުއްޓުވޭނެކަމަށެވެ.
”ދޮގު ފަތުރައިގެން ނުވަތަ އަބުރު ކަތިލުމަކުން އަހަރުމެން ހުއްޓުވޭކަށް ނެތް. ސްމަގްލަރުން އަޅުގަނޑުމެންގެ އޮފިސަރުންގެ އަބުރު ކަތިލަމުންދަނީ، އެމީހުންގެ ޖަރީމާ ފޮރުވައި ސަމާލުކަން ނައްތާލުމަށް. އާންމުން ޙަޤީޤަތާއި ދޮގު ވަކިކުރަން ޖެހޭ.“ މާނިއު ވިދާޅުވެފައި ވެއެވެ.
މާނިއުވަނީ، ބޯޑަރު ހުރަސްކޮށް ކުރެވޭ ވަގުވިޔަފާރި ހުއްޓުވުމާއި، އެކަމާއި ދެކޮޅަށް ކަސްޓަމުން ކުރަމުންދާ މަސައްކަތުގައި އާންމުންގެ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ. ވިދާޅުވީ، އެފަދަ ކަމެއް ހިނގައިފިކަން އިނގޭނަމަ، މިނިވަން މުވައްސަސާތަކަށް އެކަން ރިޕޯޓްކުރުމަށް އެދޭކަމަށެވެ. އަދި އަމިއްލަ ނަމުގައި ސީދާ ރިޕޯޓްކުރަން ބޭނުން ނުވާނަމަ، ކާކުކަން ނޭނގޭގޮތަށްނަމަވެސް ރިޕޯޓްކޮށްދިނުމަށް މާނިއު އެދިވަޑައިގެންފައި ވެއެވެ.



