ވޯލްޑް ބޭންކުން ރާއްޖެއަށް އާ ކަންޓްރީ ޑައިރެކްޓަރެއް ކަނޑައަޅައި އެކަން އިއުލާނުކޮށްފި އެވެ.
ވޯލްޑް ބޭންކުން ދެކުނު އޭޝިޔާ ސަރަަހައްދުގައި ހިމެނޭ ރާއްޖެއާއި، ނޭޕާލް އަދި ސްރީލަންކާގައި ހުންނަވާ ކަންޓްރީ ޑިރެކްޓަރެއްގެ ގޮތުގައި އިއްޔެ ކަނޑައަޅާފައިވަނީ ޑޭވިޑް ސިސްލެން އެވެ. އޭނާ މަގާމުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރައްވަން ފަށްޓަވާނީ އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އޭނާގެ ޒިންމާތަކުގެ ތެރޭގައި ދިވެހިރާއްޖެ، ނޭޕާލް، އަދި ސްރީލަންކާއަށް ވޯލްޑް ބޭންކުން ކަނޑައަޅާފައިވާ ޕޯޓްފޯލިއޯގައި ހިމެނޭ ގާތްގަނޑަކަށް 4.8 ބިލިއަން ޑޮލަރު ބެލެހެއްޓުން ހިމެނެއެވެ.
ސިސްލެން މި މަގާމަށް އައްޔަން ކުރުމާއި ގުޅިގެން ދެއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ އަލަށް އައްޔަންކުރެއްވި މަގާމުގެ ޒިންމާ އުފުއްލެވުމަށާއި، އަދި އާ ސްޓޭކްހޯލްޑަރުންނާއި، ޕާޓްނަރުންނާއި ވަރަށް އަވަހަށް ބައްދަލުރެއްވުމުގެ އުންމީދުގައި ހުންނެވި ކަމަށެވެ. އަދި މަގާމުގައި އެންމެ އިސްކަމެއް ދެއްވާނީ ސަރުކާރުތަކާއި، ތަަރައްގީގެ ބައިވެރިންނާއި، ތަފާތު އެކި ސްޓޭކްހޯލްޑަރުންނާ ގާތުން މަސައްކަތްކޮށް، އެ ބޭންކުން ސަމާލުކަންދޭ އަސާސްތަކާ އެއްގޮތަށް އޮޕަރޭޝަނަލް މަސައްކަތްތައް ބައްޓަންކޮށް ތަންފީޒުކުރުމަށް ”ސްޓްރެޓެޖިކް ޑައިލޮގް“ ލީޑްކުރެއްވުމަށް ކަމަށެވެ.
އެމެރިކާއާއި އިޓަލީވިލާތުގެ ރައްޔިތުކަން އޮންނަ، ސިސްލެން ވޯލްޑް ބޭންކާއި ގުޅިވަޑައިގެންނެވީ 2001 ވަނަ އަހަރުއެވެ. އާބަން ކްލަސްޓަރ ޔުނިޓުގެ އިކޮނޮމިސްޓެއްގެ ގޮތުގައި ބޭންކާ ގުޅިވަޑައިގެންނެވިއިރު، އޭގެ ފަހުން އެކި ސަރަހައްދުތަކުގައި އެކި އޮޕަރޭޝަނަލް އަދި މެނޭޖީރިއަލް މަގާމުތައް ފުރުއްވާފައި ވެއެވެ. އެންމެ ފަހުން ހުންނެވީ، އެމެރިކާގެ ވޮޝިންޓަން ޑީސީގައި ހުންނަ ލެޓިން އެމެރިކާ އެންޑް ކެރިބިއަން ރީޖަންގެ އާބަން، ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް، އެންޑް ލޭންޑްގެ ޕްރެކްޓިސް މެނޭޖަރެއްގެ ގޮތުގަ އެވެ.
ސިސްލެންގެ ކުރިން، ރާއްޖެއާއި، ނޭޕާލް އަދި ސްރީލަންކާގެ ކަންޓްރީ ޑިރެކްޓަރެއްގެ ގޮތުގައި ހުންނެވީ، ފާރިސް ހަދާދް-ޒެރްވޯސް އެވެ. އޭނާ ވޯލްޑް ބޭންކްގެ އެހެން އެސައިންމެންޓަކާއި ހަވާލުވެވަޑައިގަންނަވާނެކަމަށް ވޯލްޑް ބޭންކުން ބުނެފައި ވެއެވެ.



