ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރާ މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކު، އޮޕަރޭޓްކުރުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް އެދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އަށް ހުށައަޅައިފި އެވެ.
މިކަން ހާމަކުރައްވައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ރާއްޖޭގައި ޑެވެލޮޕްމެންޓް ބޭންކެއް ގާއިމުކޮށް އެ ހިންގަން ބޭނުންވާ ލައިސަންސް ހޯދުމަށް މިއަދު މަރުކަޒީ ބޭންކް، އެމްއެމްއޭއަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
ޑެވެލޮޕްމެންޓް ބޭންކް އޮޕަރޭޓް ކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ”ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް“ ގެ ނަމުގައި ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް އުފެއްދެވީ 16 މެއި 2024 ގަ އެވެ. ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އުފެއްދެވި މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެކެވެ.
އިކޮނޮމިކް މިނިސްޓްރީން މިހާރު ގެންދަނީ، ބޭންކް ހިންގާނެ އިމާރާތެއް ތައްޔާރުކުރުމުގެ މަސައްކަތެވެ. އިކޮނޮމިކް މިނިސްޓަރު ވިދާޅުވެފައިވަނީ ބޭންކްގެ ބޯޑަށް ރާއްޖެއިން ބޭރުގެ ފަންނީ ބޮޑެތި ބޭންކްތައް ހިންގުމުގެ ތަޖުރިބާ ލިބިފައި ތިބި 2 ބޭފުޅުން މިހާރު ނަގާފައިވާކަމަށެވެ. އަދި، ބޭންކް ހިންގަން ސީއީއޯ އަކަށް ގެންނާނީ ބޭރުގެ މިކަމުގެ ތަޖުރިބާ ހުރި ބޭފުޅަކުކަމަށްވެސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.




