އުމްރާއަށް ގެންގޮސްދޭނެ ކަމަށްބުނެ ގިނަ އަދަދެއްގެ މީހުން އަތުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އަސްކޮއެ ޓްރެވަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލައާ ބެހޭގޮތުން ފުލުހުން ބުނީ، އުމްރާއަށް ގެންގޮސްދޭނެ ކަމަށްބުނެ އަސްކޮއެ ގްރޫޕުން ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގައި، އެފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިއަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު ވަނީ ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ، މިމަހުގެ މަހުގެ 18 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ، އަސްކޮއެ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިއުމަށް 109 މީހުން ފައިސާ ދައްކާފައިވާ ކަމަށެވެ. އަދި އެ ފައިސާއަށް އެގްރޫޕުން ހިޔާނާތްތެރިވެފައިވާކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށާއި އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރާ ކަމުގައި ވެސް ފުލުހުން ބުންޏެވެ.


