ރާއްޖޭގައި ބޭނުންކުރުމަށާއި, ރާއްޖެއިންބޭރަށް އެކްސްޕޯޓް ކުރުމަށް ތަފާތު ބާވަތްތައް އުފައްދާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ފަށައިފި އެވެ.
އެ ވުޒާރާއިން މިއަދު ބުނީ، ދަފްތަރު އެކުލަވާލުމުގެ ގޮތުން، އެ ދަފްތަރުގައި ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަދި، އުފެއްދުންތެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ލިބޭނެކަމަށް އެ ވުޒާރާއުން ބުނެފައި ވެއެވެ.
އުފެއްދުންތެރިން ދަފްތަރަކީ ރާއްޖޭގައި ވިއްކައިގެންނާއި، ރާއްޖެއިން ބޭރަށް އެކްސްޕޯޓްކޮށްގެން އާމްދަނީ ހޯދުމަށް ތަކެތި އުފައްދާ ފަރާތްތަކުގެ މަޢުލޫމާތު ދެނެގަނެ، އެ ފަރާތްތަކުގެ މަސައްކަތް ކުރިއަރުވަން މަގުފަކޮށްދިނުމުގެ މަގުސަދުގައި އެކުލަވާލާ ދަފްތަރެކެވެ. އެގޮތުން ރާއްޖެއިން ބޭރުގެ މާކެޓްތަކަށް އެކްސްޕޯޓުކުރެވޭނެ އުފެއްދުންތައް ދެނެގަނެ، ރާއްޖެއާއި އެކު މިނިވަންވިޔަފާރީގެ އެއްބަސްވުން ނުވަތަ އެނޫންވެސް ވިޔަފާރީގެ އެއްބަސްވުންތަކަށް ވަދެފައިވާ ގައުމުތަކަށް އެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް ހުރި ފުރުސަތުތައް ބަލައި އެފުރުސަތުގެ ބޭނުން ހިފުމަށް މަގުފައިކޮށްދޭނެއެވެ. މީގެ އިތުރުން، މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެކި ސިޔާސަތުތައް މެދުވެރިކޮށް އެ ގޮންޖެހުންތަކަށް ހައްލުހޯދައިދީ ދިވެހި މަސައްކަތްތެރިންގެ އުފެއްދުންތެރިކަން އިތުރުކުރުމަކީވެސް މީގެ މަގުސަދުގެ ތެރޭގައި ހިމެނޭކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ބުނެއެވެ.
މިއީ، ދިވެހިރާއްޖޭގައި އެކުލަވައިލަވާ މިފަދަ ފުރަތަމަ ދަފްތަރެވެ. މިއީ، ދިވެހި އިގްތިސާދު ސިންދަފާތުކޮށް އުފެއްދުންތެރިކަށް އިތުރުކޮށް އެކްސްޕޯޓު އިތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަަށް ވާސިލުވުމުގެ ގޮތުން ކުރެވޭ މަސައްކަތުގެތެރެއިން ތައާރަފުކުރާ ކަމެކެވެ.



