ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ޕްރޮސެސިން ކެޕޭސިޓީ އިތުރުކުރެވުމުން މަސް ބޭރުކޮށްގެން ރާއްޖެއަށް ލިބޭ އާމްދަނީ 190 މިލިއަން ޑޮލަރަށް އިތުރުކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
”އެސްއެސް ޓީވީ“ ގެ ޕްރޮގްރާމެއްގައި މަސްވެެރިކަމުގެ ދާއިރާގެ ތަަރައްގީއާއ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް ރޭ ވިދާޅުވީ، މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތުގެ ދަށުން، ޅ. ފެލިވަރާއި ފ. ނިލަންދޫގެ އިތުރުން ގދ. ފިޔޯރީގައި މަސް ބަންދު ކުރާ ފެކްޓްރީތައް ގާއިމުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
ވަޒީރު ވިދާޅުވީ، މިހާރު މިފްކޯގައި ހުރީ 40 މެޓްރިކްޓަނުގެ ޕްރޮސެސިން ކެޕޭސިޓީއެއް ކަމަށާއި އެ ފެކްޓަރީތައް އޮޕަރޭޝަނަލައިޒް ކުރެވުމުން، މިފްކޯގެ ޕްރޮސެސިން ކެޕޭސިޓީ 300 މެޓްރިކްޓަނަށް ބަދަލުވެގެންދާނެ ކަމަށެވެ.
”އެ ފެކްޓްރީތަކުން އިތުރުކުރެވޭ ކެޕެސިޓީއާއެކު ގާތްގަނޑަކަށް 81000 މެޓްރިކްޓަނުގެ މަސް ބަންދު ކުރެވޭނެ ކަމަށް ގަބޫލު ކުރެވޭ“ ވަޒީރު ވިދާޅުވި އެވެ.
ރާއްޖެއިން މިހާރު 128،000 ނުވަތަ 130،000 މެޓްރިކްޓަނުގެ މަސް ބާނާކަން ފާޙަނގަ ކުރައްވައި ވަޒީރު ވިދާޅުވީ، އެ ހުރިހާ މަހެއް ޕްރޮސެސްކުރެވޭ ނަމަ މަސް ބޭރުކޮށްގެން މިހާރު ލިބޭ 90 މިލިއަން ޑޮލަރު 180 ނުވަތަ 190 މިލިއަން ޑޮލަރަށް އިތުރުކުރެވޭނެ ކަމަށެވެ.
ވަޒީރު ލަފާކުރައްވާ ގޮތުގައި މިފްކޯގެ ޕްރޮސެސިން ކެޕޭސިޓީ އިތުރުކުރަން ދޮޅު އަހަރެއްހާ ދުވަސް ނަގާނެއެވެ.


