އިންޑިޔާ އިން ކަނޑުމަގުން ސީދާ އައްޑޫ ސިޓީ އަށް ކާގޯ ގެންދިއުމުގެ މަސައްކަތް މެދު ނުކެނޑި ކުރިޔަށްދާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޖީހު ވިދާޅުވީ، އިންޑިޔާގެ ޓުޓޫކޮރިން އިން ޑައިރެކްޓް ކޮށް އައްޑޫ ސިޓީ އަށް މުދާ ގެންދިއުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އިތުރު ބޯޓެއް އައްޑޫ ސިޓީ އަށް މިހާރު ދަތުރު ކުރަމުންދާ ކަމަށެވެ. އަދި، ޝެޑިއުލް ކުރެވިފައިވާ ގޮތުންނަމަ، މާދަމާ އެ ބޯޓު ހިތަދޫ ޕޯޓަށް ބަނދަރުކުރާނެކަމަށް ވަޖީހު ވިދާޅުވި އެވެ.
ވަޖީހު ވިދާޅުވީ މިފަހަރުގެ ޝިޕްމެންޓުގައި، ގިނަ އަދަދަކަށް ފިޔާ، ބިސް، އަލުވި ހިމެނޭކަމަށެވެ. އަދި، ތަރުކާރީގެ އިތުރު ބާވަތްތަކާއި މޭވާގެ ބާވަތްތަކުގެ އިތުރުން ޖެނެރަލް ކާގޯގެ ބާވަތްތައް ގެންދާނެކަމަށް ވަޖީހު ވިދާޅުވި އެވެ.
އައްޑޫ ސިޓީއަށް ފުރަތަމަ ޕެރިޝަބަލް މުދާ ގެނައި ބޯޓް ހިތަދޫ ޕޯޓަށް ބަނދަރުކުރީ މިމަހުގެ 11 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ. އިންޑިއާގެ ޓުޓިކޮރިން އިން އައްޑޫ ސިޓީއަށް އެބޯޓުން 150 ޓަނުގެ ޕެރިޝަބަލް މުދާ ގެނައެވެ.
އައްޑޫ ސިޓީއަށް ޕެރިޝަބަލް ކާގޯގެ ޚިދުމަތް ދެމުން އަންނަނީ، ރާއްޖޭ އަށް އެންމެ ގިނައިން ޕެރިޝަބަލް ކާގޯ ގެންނަ އިންޑިއާގެ ފައިނެސް ގުރޫޕް މެދުވެރި ކޮށްނެވެ. ދަތުރުތައް ރާވަމުން ދަނީ ކޮންމެ 10 ދުވަހަކާ، 15 ދުވަހާ ދޭތެރޭ ކާގޯ ބޯޓެއް އައްޑޫ ސިޓީ އަށް ދާ ގޮތަށްކަމަށްވެސް ސީއީއޯ ވަޖީހު ވިދާޅުވެފައި ވެއެވެ.
ވަޖީހު ވިދާޅުވީ، މިހާރު މަސައްކަތްކުރަމުންދަނީ، ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ވެސް ދާއިމީކޮށް ޕެރިޝަބްލް ކާގޯގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.




