ތެލަސީމިއާއަށް ހޭލުންތެރި ކުރުމަށް ފެށި ޤައުމީ ކެމްޕެއިންގެ ދަށުން މިހާތަނަށް 3170 ދަރިވަރަކު ތެލަސީމިއާއަށް ސްކްރީންކޮށްފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ، އެ ޕްރޮގްރާމްގެ ދަށުން، މާލެއާއި އަތޮޅުތެރެއިން 3170 ދަރިވަރަކު ސްކްރީންކޮށްފައިވާއިރު، 57 އިދާރާއަކަށް މިހާތަނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގާފައިވާކަމަށެވެ.
ތެލަސީމިއާއަށް ހޭލުންތެރި ކުރުމުގެ ޤައުމީ ކެމްޕެއިން ފަށާފައިވަނީ އެޕްރީލް މަހުގަ އެވެ.
ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕެއިނަކީ، ތެލެސީމިއާ އާއި ގުޅިގެން ލޭއަޅާކުދިން އުފަންވާ ނިސްބަތް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 50 އިންސައްތައަށް ދަށްކުރުމުގެ މަގުސަދުގައި މިދިޔަ އެޕްރީލްމަހު ސަރުކާރުން ފެށި ކެމްޕޭނެކެވެ.
މި ކެމްޕޭންގެ ދަށުން، ޤައުމީ ފެންވަރުގައާއި ފަރުދީ ފެންވަރުގައި ގިނަ ބަޔަކަށް ތެލަސީމިއާ ބެހޭ މައުލޫމާތު ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކޮށް، މިނިޒާމުގެ ދަށުން ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކަށް ތެލެސީމިއާ އާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ސާނަވީ ތައުލީމު ނިންމާ ހުރިހާ ދަރިވަރުން ތެލެސީމިއާ އަށް ޓެސްޓްކުރުމަށް ވަނީ ނިންމާފަ އެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސަސް ( އެމް.ބީ.އެސް ) އިން ކުރިއަށް ގެންދާ މި ޤައުމީ ކެމްޕެއިންގެ ތެރެއިން ހުރިހާ މިނިސްޓްރީތަކާއި އޮފީސްތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެއެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އާއި ގުޅިގެން ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުން ތެލަސީމިއާއަށް ޓެސްޓްކުރުމާއި ހޭލުންތެރިކުރުން ހިމެނެއެވެ.




