މޯލްޑިވްސް ޕޮލިޓެކްނިކްގެ އެކި ކޯސްތައް ފުރިހަމަކުރި 690 ދަރިވަރަކު ދަސްވެނިވެ، އެ ދަރިވަރުންނަށް ސަނަދު ދީފިއެވެ.
މި ދަރިވަރުންގެ ތެރޭގައި ހިމެނެނީ 401 ފިރިހެން ދަރިވަރުންނާއި 289 އަންހެން ދަރިވަރުންނެވެ.
ޕޮލިޓެކްނިކްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަންނާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު ހީނާ ވަލީދުއެވެ. މި ރަސްމިއްޔާތުގައި ޕޮލިޓެކްނިކްގެ އިސްވެރިންނާއި ތަޢުލީމާ ބެހޭ ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަސްވެނިވުމުގައި ޖުމްލަ 55 އެކަޑަމިކް ޕްރޮގްރާމަކުން ދަރިވަރުން ދަސްވެނިވެފައިވެއެވެ. މީގެ ތެރޭގައި 3 ޑިޕްލޮމާ ޕްރޮގްރާމާއި، އެޑްވާންސް ސެޓިފިކެޓް ލެވެލް 4 ގެ 7 ޕްރޮގްރާމާއި، ނޭޝަނަލް ސެޓިފިކެޓް ލެވެލް 4 ގެ 2 ޕްރޮގްރާމްގެ އިތުރުން ސެޓިފިކެޓް ލެވެލް 3 ގެ 25 ޕްރޮގްރާމެއް ހިމެނެއެވެ. އަދި ނޭޝަނަލް ސެޓިފިކެޓް ލެވެލް 3 ގެ 14 ޕްރޮގްރާމަކާއި، ސެޓިފިކެޓް ލެވެލް 2 ގެ 1 ޕްރޮގްރާމް އަދި ސެޓިފިކެޓް ލެވެލް 1 ގެ 3 ޕްރޮގްރާމެއް ވެސް ހިމެނެއެވެ. މީގެ އިތުރުން 12 ދާއިރާއެއްގެ 17 ޕްރޮގްރާމަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި 39 ދަރިވަރަކަށް ވަނީ އެކްސެލެންސް އެވޯޑް ދީފައެވެ.
އެކަޑަމިކް ޕްރޮގްރާމްތަކުގެ އިތުރުން، ތަފާތު 9 ދާއިރާއަކުން ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ހަދައިގެން 42 ފަރާތަކަށް ވަނީ ސަނަދު ދީފައެވެ. މިއަހަރު އެ އިންސްޓިޓިއުޓުގައި ޖުމްލަ 1132 ދަރިވަރުން އެންރޯލްވެފައިވާއިރު، އޭގެ ތެރޭގައި 708 ފިރިހެން ދަރިވަރުންނާއި 424 އަންހެން ދަރިވަރުން ހިމެނެއެވެ.
މޯލްޑިވްސް ޕޮލިޓެކްނިކަކީ ޢަމަލީ މަސައްކަތުގެ މައިދާނަށް ބޭނުންވާ އެކިއެކި ހުނަރުތަކުގެ ކޯސްތައް ހިންގުމަށް ޚާއްޞަކޮށްގެން އުފައްދާފައިވާ އިންސްޓިޓިއުޓެކެވެ.
އެ އިންސްޓިޓިއުޓުން އަންނަނީ ކޯސްތައް އެކި ދާއިރާތަކަށް ފުޅާކޮށް، މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް ގޮފިތައް ޤާއިމުކޮށް ކިޔަވައިދެމުންނެވެ.




