ގދ. ތިނަދޫ ފެންޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލަ ވަގުތީގޮތުން ޙައްލުކޮށްފައިވާކަމަށް ފެނަކަ ކޯޕަރޭޝަން އިން ބުނެފި އެވެ.
ފެނަކައިން މިއަދު ބުނެފައިވަނީ، ގދ. ތިނަދޫ ފެންޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލަ ވަގުތީގޮތުން ޙައްލުކޮށް، ޕްލާންޓް އޮޕަރޭޝަނަށް ގެނެސްފައިވާކަމަށެވެ. އަދި، މިހާރު ފެން އުފައްދަން ފަށާފައިވި ނަމަވެސް، ބައެއް ގަޑިތަކުގައި ފެނުގެ ޚިދުމަތް މެނދުކެނޑުމަކީ އެކަށީގެންވާކަމެއްކަމަށްވެސް ފެނައިން ބުނެފައި ވެއެވެ.
ފެނެކައިން ވަނީ، މި ދިމާވި މައްސަލައާހުރެ ފެނުގެ ޚިދުމަތް ހޯދަމުން ދިޔަ ކަސްޓަމަރުންގެ ފަރާތުން މައާފަށް އެދިފަ އެވެ.
”ކަސްޓަމަރުންނަށް ދިމާވި އަދި ދިމާވަމުންދާ ދަތިތަކަށްޓަކައި ނިހާޔަތަށް މައާފަށް އެދެން.“ ފެނަކައިން ބުނެފައި ވެއެވެ.
ތިނަދޫ ފެންޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލައަށް، ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް ފެނަކައިގެ ޓެކްނިކަލް ޓީމުން މިހާރު ދަނީ ކުރަމުންނެވެ.
ތިނަދޫ ފެނުގެ ނިޒާމަށް މި ދިމާވި މައްސަލައާ ގުޅިގެން ޖޫން މަހުން ފެށިގެން އެސިޓީގެ ރައްޔިތުންނަށް ވަނީ ފެންލިބުމުގައި ބައެއް ދަތިތަކާއި ކުރިމަތިވެފަ އެވެ.


