ހިއުމަން ރައިސްޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރުސީއެމް) ގެ ހުސްވެފައިވާ މެންބަރުކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބު އައްޔަންކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ފާސްކޮށްފި އެވެ.
މިގޮތަށް ފާސްކުރީ، މިއަދު ބޭއްވި އެ ކޮމިޓީ ބައްދަލުވުމުގައި ނެގި ވޯޓުންނެވެ. އެވޯޓުން ހަބީބަށް ރުހުންދޭން ފާސްވީ ކޮމިޓީގައި ބައިވެރިވަޑައިގެންނެވި ހުރިހާ މެންބަރުން އިއްތިފާގުންނެވެ. ކޮމިޓީން މިގޮތަށް ފާސްކުރިނަމަވެސް، މިކަމަށް ގޮތެއް ނިންމާނީ ކޮމިޓީގެ ރިޕޯޓް މަޖިލިސް ތަޅުމަށް ހުށަހެޅުމަށްފަހު ފާސްކޮށްގެންނެވެ.
ހަބީބު އެޗްއާރްސީއެމް މެންބަރުކަމަށް އައްޔަންކުރެއްވުމަށް މަޖިލީހުގެ ރުހުން އޮތްތޯ ބައްލަވައިދެއްވުމަށް އެދި، ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖީލީހަށް ސިޓީފުޅެއް ފޮނުއްވާފައިވަނީ މީގެ ދެހަފުތާ ކުރިންނެވެ. އެ ސިޓީގައި ރައީސް ވިދާޅުވެފައިވަނީ، ހަބީބަކީ މެންބަރުކަމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އަޔަންކުރެއްވުމަށް އެމަނިކުފާނަށް ފެންނަ ބޭފުޅާކަމަށެވެ.
އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރައީސް އޮފީހުން ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 6 ވަނަ ދުވަހު އެވެ. އަދި އެމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މެންބަރުކަމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ދިނެެވެ. ރައީސް އޮފީހުން މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ، އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޑރ. އަހްމަދު އަދުހަމް އަބްދުﷲ އިސްތިއުފާދެއްވުމާއި ގުޅިގެން އެމަގާމު ހުސްވެފައިވާތީ އެވެ.
އީސީ ހަބީބުގެ ނަމުން މަޝްހޫރުވެފައިވާ ހަބީބަކީ 21 އަހަރަށްވުރެ ދިގު މުއްދަތަކަށް އިސީއަށް މަސައްކަތް ކުރައްވައި، އެކޮމިޝަންގެ މެންބަރުކަމާއި އަދި ނައިބު ރައީސް ކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.



