ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ “ރަސްމާލެ” މަޝްރޫއުގެ ދަށުން، އިނގިރޭސިވިލާތުގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އާ ހަވާލުކުރި މަސައްކަތް ނިންމާލައިފި އެވެ.
ޖޫން މަހުގެ 24 ވަނަ ދުވަހު ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އާއި ސީއެމްސީ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން، ސީއެމްސީއާ ހަވާލުކުރީ ރަސްމާލެ ސައިޓް-ޖޭ ގައި ހިމެނޭ 29 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތެވެ. ސީއެމްސީން އަމަލީ މަސައްކަތް ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހު އެވެ.
ސީއެމްސީގެ މެނޭޖިންގ ޑިރެކްޓަރ ރާޖް އެސް މަނިވަންނަން މިއަދު ސައުވީހަށް ވިދާޅުވީ، އެ ކުންފުންޏާއި ހިއްކަން ހަވާލުކުރި 29 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިމިފައިވާކަމަށެވެ.
ރަސްމާލޭގެ މަޝްރޫގެ ބިންހިއްކުމުގެ މަސައްކަތް ސީއެމްސީން އަލުން ފެށީ މަސައްކަތުގެ އެއްބަސްވުން އަލުން މުރާޖައާކޮށް، މަސައްކަތް ނިމޭވަރަކުން އަގު އަދާ ކުރާ ގޮތަށެވެ. އައު އެއްބަސްވުމުގައި އެއްވެސް ޝަރުތެއް ނުވަތަ ބިމުގެ މުޢާމަލާތަކާ ގުޅުމެއް ނެތްކަމަށް ސީއެމްސީން މީގެ ކުރިން ބުނެފައި ވެއެވެ.
ސީއެމްސީއަކީ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ނަމަވެސް، ވޭތުވެދިޔަ ގިނަ އަހަރުތަކުގައި ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާ އިތުބާރުހުރި ކުންފުންޏެކެވެ. މިހާރުވެސް ދިވެހި ރައްޔިތުންނަށް ފައިދާކުރަނިވި އެތަކެއް މަޝްރޫއުތަކެއް އެކުންފުނިން ދަނީ ހިންގަމުންނެވެ.
ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެއަކީ ތިމާވެއްޓާ ރައްޓެހި، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި ލޯ ކާބަން، ސޭފް އައިލެންޑް ކޮންސެޕްޓަށް ފެތޭ އެކޯސިޓީއެކެވެ. މިއީ، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމުގެ އިތުރުން، މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ މީހުންނަށް ފަސޭހައިން ޚިދުމަތްތައް ހޯދޭނެހެން ފަރުމާކޮށްފައިވާ “އިންކްލޫސިވް” ސިޓީއެއްކަމަށް ސަރުކާރުން ބުނެފައި ވެއެވެ.



