މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ ގަވަރުނަރުކަމުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އައްޔަނު ކުރުމަށް ފެންނަކަމަށް ރައީސަށް މަޝްވަރާ އެރުވުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިގޮތަށް ފާސްކުރީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގެ ދަށުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައ،ި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުށަހެޅުމަށްފަހު ކޮމިޓީގެ ނިންމުން ފާސްކުރުމަށް ނެގި ވޯޓުންނެވެ. މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުން ފާސްކޮށްފައިވަނީ މުނައްވަރަށް ރުހުންދޭން ފެންނަކަމަށް ރައީސަށް މަޝްވަރާ އެރުވުމަށެވެ.
މުނައްވަރު ގަވަރުނަރުކަމަށް އައްޔަން ކުރުމަށް ރުހުން އޮތްތޯ ބެލުމަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި، 78 މެންބަރުން ވޯޓު ދެއްވީ ފެންނަކަމަށެވެ. ނުފެންނަކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
މިގޮތަށް ފާސްކުރުމަށް މަޖިލީހުގެ ރުހުން ހޯދަން ބޭނުންވަނީ 40 ވޯޓެވެ. ކަނޑައަޅާފައިވާ މިންވަަރަށް ވުރެ އިތުރަށް ވޯޓު ލިބުމާއެކު، މަޖިލީހުގެ ރިޔާސަތުން ވަނީ މުނައްވަރު ގަވަރުނަރުކަމުގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސަށް މަޝްވަރާ އެރުވުމަށް ފެނިވަޑައިގަންނަވާކަމަށް މަޖިލީހުން ފާސްވިކަން އިއުލާނުކުރައްވާފަ އެވެ.
ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަަރުގެ މަގާމަށް މިނިސްޓަރެއްގެ ފެންވަރުގައި މުނައްވަރު އައްޔަންކުރައްވާފައިވަނީ، ޑިސެމްބަރު 12, 2023 ގަ އެވެ. މުނައްވަރުއަކީ ފިނޭންސް މިނިސްޓަރުކަން ކުރެއްވުމުގެ އިތުރުން އެމްއެމްއޭގައިވެސް 10 އަހަރު ޚިދުމަތް ކުރައްވައި، ރާއްޖޭގެ މާލީ އަދި އިގުތިސާދީ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ، އަދި މާލީ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ކުޅަދާނަ ބޭފުޅެކެވެ.
ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ އެ މަގާމުގައި ކުރިން ހުންނެވި ޢަލީ ޙާޝިމް އެމަޤާމުން ވަކިކުރެއްވުމަށްފަހުއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މަޖިލީހުގެ ލަފާގެ މަތިންނެވެ.
އެމްއެމްއޭގެ ގާނޫނުގައިވާ ގޮތުން ގަވަރުނަރު އައްޔަންކުރެއްވުމާއި ވަކިކުރުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ނަމަވެސް އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދަވަން ޖެހެއެވެ.



