ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދެ ފަތުުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާމެދު މަޝްވަރާ ކުރައްވައިފި އެވެ.
މި މަޝްވަރާތައް ކުރިޔަށް ދިޔައީ، ”ވެލްކަމް އިންޑިއާ“ ރޯޑް ޝޯވްގެ ހަވާސާގެ ތެރެއިން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، އިންޑިއާގެ ޓޫރިޒަމް މިނިސްޓަރު ޝްރީ ގަޖެންދްރާ ސިންގް ޝެކާވަތުއާއެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން މައިގަނޑުގޮތެއްގައި މަޝްވަރާކުރެއްވީ، ފަތުރުވެރިކަމުގެ ދާއިރާއިން ދެގައުމުގެ އެއްބާރުލުން އިތުރުކޮށް ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުންނެވެ. އެގޮތުން އެ ދާއިރާއިން ދެގައުމަށް ފައިދާކުރަނިވި ފުރުސަތުތައް ފަހިކުރުމާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައި ވެއެވެ.
މި ބައްދަލުވުމުގައި، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ޓޫރިޒަމް ޑެވެލޮޕްމެންޓް އެޑްވައިޒަރު މުހައްމަދު ޚަލީލާއި ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރި ވަޑައިގެންނެވި އެވެ.
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އިންޑިއާައަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިންޑިއާގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމުގެ ގޮތުން، މިއަދު ފެށި “ވެލްކަމް އިންޑިއާ ރޯޑް ޝޯވ” ގައި ބައިވެރިވަޑައިގަތުމަށެވެ. މަތީ ފެންވަރުގެ މި ހަރަކާތަކީ، ދެ ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މައި ސްޓޭކްހޯލްޑަރުން އެއްތަނަކަށް އެއްވެ، ދާއިރާއިން އެއްބާރުލުން ދިނުން އާލާކޮށް، މިހާރު އޮތް ގުޅުންތައް ބަދަހިކޮށް، ރާއްޖެ އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމަށް އިންޑިއާގެ ތިން ސިޓީއެއްގައި ކުރިޔަށްގެންދާ ހަރަކާތެކެވެ. މިއަދު މި ހަރަކާތް ފަށާފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީންނެވެ. އަދި، އޯގަސްޓް މަހުގެ 1 ވަނަ ދުވަހު މުމްބާއީގައި މި ހަރަކާތް ބާއްވާއިރު، ނިންމާލާނީ 03 އޮގަސްޓް ގައި ބެންގަލޫރުންނެވެ.
“ވެލްކަމް އިންޑިއާ”ރޯޑް ޝޯވ ސީރީޒް އަކީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ) އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) ގުޅިގެން ހިންގާ ހަރަކާތެކެވެ.



