ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެތެރޭގެ އުުދުހުންތަކުގައި ހިމެނޭ މަންޒިލްތަކަށް ދަތުރުކުރާ ފަސިންޖަރުންނަށް، ލައުންޖުގެ ޚިދުމަތް އިޚުތިޔާރުކުރުމުގެ ފުރުސަތު އެ އެއާލައިނުން ތައާރަފުކޮށްފި އެވެ.
އަލަށް ތައާރަފްކުރި މި ފުރުސަތާއި ގުޅޭގޮތުން މޯލްޑިވިއަނުން ބުނީ، ޓިކެޓާއެކު އެޑްއޮން، ގޮތަށް އިޚުތިޔާރު ކުރެވޭ މި ޚިދުމަތް ތައާރަފުކުރީ، ޑޮމެސްޓިކް ފަސިންޖަރުން ވިޔަފާރި ނުވަތަ އަރާމުކޮށްލުމަށް ކުރާ ދަތުރުތަކުގައި، ފްލައިޓަށް އިންތިޒާރުކުރަން ޖެހޭ ވަގުތަކީ ހިތް ފަސޭހަ އަރާމު ވަގުތަކަށް ހަދައިދިނުމުގެ މަގުސަދުގައި ތައާރަފު ކުރި ކަމެއްކަމަށެވެ.
ޑޮމެސްޓިކް ފަސިންޖަރުންނަށް ދަތުރަށް މަޑުކުރާ ވަގުތު އަރާމު މާހައުލެއްގައި ތިބުމުގެ ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގައި، ދިން މި ފުރުސަތުގައި، ލައުންޖުތަކުން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި ހިލޭ ވައިފައި، ތަފާތު ކާބޯތަކެއްޗާއި، ތާޒާ ބުއިންތައް ލިބޭނެއެވެ. އަދި، ފަސިންޖަރުންނަށް ފްލައިޓުގެ ކުރިން އަރާމުކޮށްލައި، ޚަބަރުތަކާއި ޝައުގުވެރި ޓީވީ ޗެނަލްތައް ބަލާލުމުގެ އިތުރުން، ޚިޔާރުކުރެވޭ ލައުންޖުތަކުން އަމިއްލަ ޝަވަރ ރޫމްތައް ވެސް ބޭނުންކުރެވެއެވެ.
އެޑް-އޮންސްގައި ހިމެނޭ ލައުންޖުތައް:
- • މޫނިމާ ލައުންޖް: ޑޮމެސްޓިކް ޓާމިނަލް/ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
- • ކާށިމާ ލައުންޖް: ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓް
- • ކާނި ލައުންޖް: އިފުރު ޑޮމެސްޓިކް އެއާޕޯޓް
ފުރުމުގެ 4 ގަޑިއިރު ކުރިން ވެސް ލައުންޖް ބުކް ކުރެވޭނެ އެވެ. މޯލްޑިވިއަންގެ ކޯލް ސެންޓަރ، ޓިކެޓިން އޮފީސް، ވައިބަރ، ނުވަތަ މޯލްޑިވިއަންގެ ސޭލްސް އޭޖެންޓެއް މެދުވެރިކޮށް ފަސިންޖަރުންނަށް ލައުންޖް ބުކް ކުރެވޭނެއެވެ.
މޯލްޑިވިއަނުން މިހާރު 16 ޑޮމެސްޓިކް އެއާޕޯޓަކަށް ދަތުރުކުރެއެވެ.



