ނ. މާފަރު އެއަރޕޯރޓްގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(ޢެމްޓީސީސީ) ހަވާލުކޮށްފި އެވެ.
މި މަޝްރޫޢު ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޢަބްދުالله ޒިޔާދެވެ. އަދި އައިލޭންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް އިޔާސް އެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ދަށުން، މާފަރު އެއާޕޯޓްގައި މިހާރު އޮތް 453 އަކަ މީޓަރުގެ ފަޔަރ ރޯޑު ތަޅާލުމާއ،ި 18,660 އަކަ މީޓަރު ސަރަހައްދެއްގެ ވެލިގަނޑުގެ މަތީ ފަށަލަ ނަގައ،ި ސަބްބޭސް ތައްޔާރުކޮށް، ވެއަރިންގް ކޯސްއެއް އަޅަން ޖެހޭކަމަށެވެ. މީގެއިތުރުން، 4,047 އަކަ މީޓަރުގެ ސަރަހައްދެއް ގްރޭޑްކޮށް ކޮމްޕެކްޓްކޮށް، އެއަރފީލްޑް ލައިޓިންގ ސިސްޓަމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.
ނ. މާފަރު އެއަރޕޯރޓްގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫޢަކީ 29.85 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަޝްރޫއުގައި ހިމެނޭ މަސައްކަތް 180 ދުވަސްތެރޭ ނިންމުމަށް އެއްބަސްވުުމުގައި ޝަރުޠުކޮށްފައި ވެއެވެ.
1,250 މީހުންގެ އާބާދީއެއް އޮންނަ މާފަރު ރައްޔިތުން ޢާއްމުގޮތެއްގައި އާމްދަނީ ހޯދަން ކޮށްއުޅޭ މަސައްކަތަކީ މަސްވެރިކަމާއި ގެދޮރު އިމާރާތްކުރުމުގެ މަސައްކަތްކަމުގައިވީ ނަމަވެސް، މާފަރު އެއަރޕޯރޓްގައިވެސް އެރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން އަންނަނީ ވަޒީފާ އަދާކުރެއެވެ. މި މަޝްރޫޢުގެ ދަށުން، މާފަރު އެއަރޕޯރޓްގެ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ނިމުމާއެކު، އެއަރޕޯޓްގެ ޚިދުމަތް އިތުރަށް ފުޅާކުރެވި، ވަޒީފާގެ ފުރުޞަތު އިތުރުވެގެން ދާނެއެވެ. އަދި، ޕްރައިވެޓް ޖެޓްތައް ޕާރކް ކުރާނޭ އިތުރު ޖާގަ ލިބުމާއެކު ޕްރައިވެޓް ޖެޓްތައް މާފަރު އެއަރޕޯޓްގައި ޖައްސާ ޢަދަދު އިތުރުކުރެވި، އެއަރޕޯޓަށް ޖެޓް ޕާކިންގއިން ލިބޭ އާމްދަނީ ބޮޑުވެގެންދާނެ އެވެ.



