ގައުމީ އެއާލައިން މޯލްޑިވިއަންއަށް އޭޓީއާރް މަރުކާގެ ތިން އެއާކްރާފްޓް ގެންނަން ނިންމައިފި އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން (އައިއޭއެސް) ބުނެފައި ވަނީ މުޅިން އާ އޭޓީއާރް 600-42 މަރުކާގެ ތިން އެއާކްރާފްޓް ގަތުމަށް އޭޓީއާރާއެކު އައިއޭއެސްއިން އެއްބަސްވުމަކަށް އައިސްފައިވާކަމަށެވެ. އެގޮތުން އެއާކްރާފްޓްތައް ގެންނަނީ 15 އަހަރުގެ މުއްދަތެއްގެ ތެރޭގައި އަގު ދައްކާ ޚާލާސްކުރާ ގޮތަށްކަމަށާއި، އެތަނުން އެއް އެއާކްރާފްޓް
މި އަހަރުގެ ޑިސެމްބަރަށް އަދި އަނެއް އެއާކްރާފްްޓް އަންނަ އަހަރުގެ އޮގަސްޓަށް އަދި ފަހު ބޯޓު 2026ގެ އޮކްޓޯބަރަށް ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.
އައިއޭއެސް އިން ވަނީ މިދިޔަ ބުރާސްފަތިދުވަހު ފައިނޭންސް ލީސް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މަތިންދާ ބޯޓު ގެންގުޅޭ ފަރާތްތަކަށާއި ބޭންކުތަކާއ، ބޯޓު ކުއްޔަށް ދޭ ކުންފުނިތަކަށާއި މާލީ ކުންފުނިތަކަށް މިކަމަށް ޕްރޮޕޯސަލް ހުށަހެޅޭނެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 29 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހެއެވެ.
މިހާރު މޯލްޑިވިއަންގެ ފްލީޓުގައި އޭޓީއާރު މަރުކާގެ ހަތަރު ބޯޓު އޮތް ކަމަށް އައިއޭއެސް އިން މީގެ ކުރިން ބުނެފައި ވެއެވެ. މޯލްޑިވިއަންގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެއެއާލައިންގް ފްލީޓް އިތުރު އުޅަނދުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު ވައިޑް ބޮޑީ އެއާކްރާފްޓެއް ހޯދުމަށް ވެސް ޓްރޫނޯޑްއާ އެކު ދާދިފަހުން ވަނީ ސޮއިކޮށްފަ އެވެ.



