ރޯގާ އާއި ކެއްސުމަށް ފަރުވާކުރުމަށް ބޭނުންކުރަމުން އަންނަ ”ކޮފްސީ ސިރަޕް“ ރާއްޖެއަށް އެތެރެކޮށް އަދި ބޭނުންކުރުމުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.
މިކަމާ ގޫޅޭގޮތުން އެމްއެފްޑީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރާއްޖެ އެތެރެކޮށް ބޭނުން ކުރަމުންދާ ”ކޮފްސީ ސިރަޕް“ގައި ކުނޑި ކޮޅުތަކެއް ހުންނަކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، އެ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި، މިމައްސަލަ ބެލުމަށްފަހު ވަކި ގޮތެއް އަންގަންދެން މި އުފެއްދުން ރާއްޖެ އެތެރެކޮށް، ވިއްކުމާއި ބޭނުންކުރުމަކީ މަނާކަމެއް ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.
ކޮލެޓީގެ މައްސަލައެއް ފާހަގަކުރެވިފައިވާކަމަށް ބުނެ، އެމްއެފްޑީއޭއިން ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވަނީ އިންޑިއާގެ ޗެނާއީގެ ކުންފުންޏެއްކަމަށްވާ، އެމްއެމްސީ ހެލްތު ކެއަރ ލިމިޓެޑުން އުފައްދައި، ރާއްޖެއަށް އެތެރެކޮށްފައިވާ ”ކޮފްސީ ސިރަޕް“ ގެ100 އެމްއެލްގެ ބޭސްފުޅިއެވެ.
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާނަމަ، އެމްއެފްޑީއޭގެ ހޮޓްލައިން 7200321 އަށް ގުޅާލުމުން މައުލޫމާތު ފޯރުކޮށްދޭނެކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.



