އިސްލާމިކް ފައިނޭންސިންގ ދާއިރާއިން އިސްލާމިކް ޑެވެލޮޕްމެންޓް ބޭންކް(އައިއެސްޑީބީ) އާއެކު އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރައްވައިފި އެވެ.
މި މަޝްވަރާތައް ކުރިޔަށް ގެންދެވީ މިހާރު ސައުދީގައި ހުންނެވި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ ގަވަރުނަރު އަހްމަދު މުނައްވަރު، އިސްލާމިކް ޑެވެލޮޕްމެންޓް ބޭންކްގެ ރައީސް ޑރ. މުހައްމަދު އަލް ޖަސީރު އާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގަ އެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން އެކްސްގައި ހިއްސާކުރި މެސެޖުގައި ބުނެފައިވަނީ މި ބައްދަލުކުރެއްވުމުގައި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި، ރާއްޖޭގައި މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި، މޯލްޑިވްސް މެމްބަރ ކަންޓްރީ ޕާޓްނަރޝިޕް ސްޓްރެޓެޖީ (އެމް.ސީ.ޕީ.އެސް)ގެ މިޑްޓާމް ރިވިއުކޮށް، ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތަކާ އެއްގޮތްކަން ކަށަވަރުކުރުމަށް ވެސް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވާކަމަށް މެސެޖުގައި ވެއެވެ.
މުނައްވަރު ސައުދީ އަރަބިއްޔާއަށް ދަތުރުކުރައްވާފައިވަނީ، ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ އަރިހުގަ އެވެ. މިމަހުގެ 18-22 އަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅަކީ ސައުދީގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާން އަލް ސަޢުދުގެ ދަޢުވަތަކަށެވެ.



