ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކޮށްފި އެވެ.
މިގޮތަށް ނިންމީ، ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭ ލިމިޓްތަކަށް މިއަދު އެ ބޭންކުން ގެނައި ބަދަލުގެ ތެރެއިންނެވެ.
ބީއެމްއެލް އިން، ކާޑު ލިމިޓްތަކަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި، މިހާރު ދޫކޮށްފައިވާ ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރުމުގެ އިތުރުން މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭގޮތަށް ވަނީ ނިންމާފަ އެވެ.
ބީއެމްއެލް އިން ގެނައި ބަދަލުގެތެރެއިން، މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން، ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭގޮތަށްވެސް ވަނީ ހަމަޖައްސާފަ އެވެ.
އެ ބޭންކުން މި ބަދަލު ގެނެސްފައިވަނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީ އެވެ.
”މިވޭތުވެ ދިޔަ އަހަރެއްހާ ދުވަހު ބޭންކުން އައީ ކާޑުން ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތަކުގެ އަދަދު ނުހަނު ގާތުން ބަލަމުން. އަޅުގަނޑު ތަކުރާރުކޮށް ދަންނަވާފައިވާ ފަދައިން ބޭންކަށް ވިއްކޭނީ ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާއެއް.“ ބީއެމްއެލްގެ ސީއީއޯ ކާރލް ސްޓުމްކަ ވިދާޅުވެފައި ވެއެވެ.
ބީއެމްއެލްގެ ސީއީއޯ މެނޭޖިންގ ޑައިރެކްޓަރ،ކާރލް ސްޓުމްކަ ވިދާޅުވީ، މިއަހަރުތެރޭ ކަސްޓަމަރުން އަތުން ބޭންކަށް ގަންނަން ލިބުނީ ގާތްގަނޑަކަށް 60 މިލިއަން ޑޮލަރުކަމަށެވެ. އެހެން ނަމަވެސް ކާޑުތަކުން ކުރެވުނު މުއާމަލާތްތަކުގެ އަދަދު މީގެ ތިން ގުނަ ބޮޑުކަމަށާއި، ކާޑު ބޭނުންކުރާ މިންވަރު އިތުރުވުމަކީ ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ބޭރު ފައިސާގެ އަދަދު ނުހަނު ބޮޑު މިންވަރަކަށް ދަށްވެގެންދާކަމެއްކަމަށެވެ. އަދި، ކާޑުތައް ބޭނުންކޮށްގެން މައިގަނޑުކޮށް ކުރާ ދަތުރުތަކާއި އޮންލައިން ވިޔާފާރިތަކަށް ވުރެ އިގްތިސާދީ މުހިންމު ހަރަކާތްތަކަށް ބޭންކުން ހޭދަކުރާ ބޭރު ފައިސާގެ މިންވަރު %75 ދަށްކަމަށްވެސް ކާރލް ސްޓުމްކަ ވިދާޅުވެފައި ވެއެވެ.
”ބޭންކުގެ އެންމެ މަތީ މަސްލަހަތަކީ ޑިޕޮސިޓަރުންނަށް ރައްކާތެރިކަން ދިނުން. ބޭންކަށް ގަންނަން ނުލިބޭ އަދަދެއް ބޭންކަށް ނުވިއްކޭނެ. ބީއެމްއެލް އިން ދޫކޮށްފައިވާ ޑޮލަރު ކްރެޑިޓް ކާޑުންނާއި ޑެބިޓް ކާޑެއް ބޭނުންކޮށްގެން ޑޮލަރު އެކައުންޓުން ކުރިއެކޭ އެއްގޮތަށް އެކައުންޓްގައި ޑޮލަރު ހުރި މިންވަރަކަށް ކަސްޓަމަރުންނަށް މުއާމަލާތްތައް ކުރެވޭނެ. މަހުން މަހަށް ކެނޑޭ ބޭރުގެ މުއާމަލާތްތައް މެދު ނުކެނޑި ހިންގުމަށްޓަކައި ކަސްޓަމަރުންގެ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް ޑޮލަރު އެކައުންޓަށް ބަދަލުކުރުމަށް އިލްތިމާސްކުރަން. “ ކާރލް ސްޓުމްކަ ވިދާޅުވި އެވެ.
ކާރލް ސްޓުމްކަ އިތުރަށް ވިދާޅުވީ ބޭންކުން މިއަދު ގެނެވުނު ބަދަލަކީ ކަސްޓަމަރުންނަށް ނުހަނު ބޮޑު އަސަރެއްކުރާނެ ބަދަލެއްކަން ގަބޫލުކުރައްވާކަމަށެވެ. އެހެންނަމަވެސް މިއީ މުހިންމު އިގްތިސާދީ ހަރަކާތްތަކަށް ބޭނުންވާ ބޭރުފައިސާ މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި މިވަގުތުގެ ހާލަތަށް ބަލައި ބޭންކުން ކޮންމެހެން އަޅަންޖެހުނު ފިޔަވަޅެއްކަމުގައި ވިދާޅުވިއެވެ.


