ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭ ލިމިޓްތަކަށް މިއަދު އެ ބޭންކުން ގެނައި ބަދަލުތަކަށް އަމަލުނުކުރާ ގޮތަށް ނިންމައިފި އެވެ.
ބީއެމްއެލް އިން، ކާޑު ލިމިޓްތަކަށް މިއަދު ގެނައި ބަދަލުތަކުގެ ތެރޭގައި، މިހާރު ދޫކޮށްފައިވާ ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރި އެވެ. އަދި މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭގޮތަށާއި، އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން، ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭގޮތަށް ހަމަ ޖެއްސިއެވެ.
މިއަދުން ފެށިގެން މިގޮތަށް އަމަލުކުރާނެކަމަށް މިއަދު ހެނދުނު ބީއެމްއެލްއިން އިއުލާނުކުރި ނަމަވަސް، ފަހުން ބުނެފައިވަނީ އެގޮތަށް އެކަން ކުރިޔަށް ނުގެންދާގޮތަށް ނިންމާފައިވާކަމަށެވެ.
ބީއެމްއެލްއިން ބުނެފައިވަނީ، އެބޭންކު ރެގިއުލޭޓްކުރާ އިދާރާކަމަށް ވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ އިރުޝަދުގެ މަތިން ބަދަލުތައް މިހާރު އަނބުރާ ގެންގޮސްފައިވާކަމަށެވެ.
ބީއެމްއެލްއިން ކާޑު ލިމިޓް ކުރީ، ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީ ކަމަށް ބުނެއެވެ. ބީއެމްއެލްގެ ސީއީއޯ ކާރލް ސްޓުމްކަ ވިދާޅުވެފައިވަނީ ބޭންކުން މިއަދު އެބަދަލު ގެންނަން ނިންމީ، އެއީ މުހިންމު އިގްތިސާދީ ހަރަކާތްތަކަށް ބޭނުންވާ ބޭރުފައިސާ މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި މިވަގުތުގެ ހާލަތަށް ބަލައި ބޭންކުން ކޮންމެހެން އަޅަންޖެހުނު ފިޔަވަޅަކަށްވާތީ ކަމަށެވެ.



