ސްޓެލްކޯއިން ކަސްޓަމަރުންނަށް ހާއްސަ ހޮޓްލައިނެއް ތައާރަފުކޮށް ފިއެވެ.
އިއްޔެ ސޯޝަލް މީޑިއާގައި ސްޓެލްކޯއިން މި ހޮޓްލައިން ލޯންޗްކޮށްފައިވާއިރު، އިއްޔެއިން ފެށިގެން މި ހޮޓްލައިން މެދުވެރިކޮށް ދަނީ ޚިދުމަތް ދެމުންނެވެ. ހޮޓްލައިންގެ ގޮތުގައި ހަމަޖައްސާފައިވަނީ 1545 މި ނަންބަރެވެ. ހޮޓްލައިނާއެކު އެކުންފުނީގެ ކޮންޓެކްޓް ސެންޓަރު މިވަނީ ގާއިމުވެގެން ގޮސްފައެވެ.
މިކަމާ ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން ފަހްމީ ވިދާޅުވީ، ކޯލް ސެންޓަރެއްގެ ޚިދުމަތަކީ، ސްޓެލްކޯގެ ޚިދުމަތުގެ ދިގު ތާރީޚުގައި، ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ފަސޭހަކަމާއިއެކު، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ނުކުރެވިއޮތް މަސައްކަތެއް ކަމަށެވެ. އަދި މި ޚިދުމަތުގެ ތެރެއިން ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތަކާއި ގުޅުންހުރި މަޢުލޫމާތާއި، ކަރަންޓު ބިލްތަކާއި ގުޅުންހުރި ޝަކުވާތަކާއި، ކުންފުންޏާއި ގުޅުންހުރި އެނޫންވެސް ކަންކަމުގައި އެހީތެރިކަން ހޯދޭނެ ކަމަށެވެ.
”އަޅުގަނޑުމެންގެ އަމާޒަކީ ސްޓެލްކޯއަކީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ކަށަވަރުވެފައިވާ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުން.“ ފަހުމީ ވިދާޅުވެފައި ވެއެވެ.
ފަހުމީ ވިދާޅުވީ، ސްޓެލްކޯގެ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ސްޓެލްކޯ ކެއަރގެ ޚިދުމަތާއިއެކު ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާއި މުޢާމަލާތު ކުރެވޭނެކަމަށެވެ.



