ރާއްޖޭގައި އުޅުއްވާ ބޭރު ގައުމުތަކުގެ ސަފީރުންނަށް ގޯނާ ކުރުމަކީ ފަލަޞްޠީނުގެ ރައްޔިތުންނަށް ނަޞްރު ދިނުމެއް ނޫންކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ފަލަޞްޠީނުގެ ހައްގުގައި ކަމަށްބުނެ، ރާއްޖޭގައި ހުންނަ ބޭރުގެ ޑިޕޮލޮމެޓިކް މިޝަންތަކާއި ސަފީރުން ދިރިއުޅުއްވާ ގެކޮޅު ކައިރީގައި އެއްވެ އަޑުއުފުލަމުން ދިޔަ ދެ އަންހެނަކު ހައްޔަރުކުރި މައްސަލައަށް އިޝާރާތްކުރައްވައި، ވަޒީރު އެކްސްގައި ކުެރއްވި މ ެސެޖެއްގައި ވިދާޅުވެފައިވަނީ،އެތަށް ދުވަހެއް ވަންދެން ވަކި ސަފީރެއްގެ ގޭދޮށުގައި އަޑުގަދަކޮށް ރާއްޖެއިން ފައިބަން ގޮވައި އެބޭފުޅާއާއި އާއިލާއަށް ބިރު ދެއްކުމަކީ އިންސާފެއް ނޫންކަމަށެވެ. އަދި، ސަފީރުންނާއި އެބޭފުޅުންގެ ޢާއިލާތަކަށް ގޯނާ ކުރުމަކީ ފަލަޞްޠީނަށް ނަޞްރު ދިނުމެއް ނޫންކަމުގައި ވިދާޅުވި އެވެ.
”ސަފީރެއްގެ ގެއިން ގަހަނައަޅާ ގޭތެރެއަށް ކުނި އެޚުމަކީ ފަަލަޞްޠީނަށް ނަޞްރު ދިނުމެއް ނޫން.މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި މިކަން ހިނގާގެ ގޮތެއް ނޫން. ރަނގަޅު ގޮތް ބުނެދޭން ތިބޭ މީހުން ހަގީގަތް އޮޅުވާލުމަކީ އިސްލާމްދީނަށް ދެވޭ އެންމެ ބޮޑު ގެއްލުން.“ މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
މިނިސްޓަރު ވިދާޅުވީ،ފަލަޞްޠީނާއި އަލްއަޤުޞާ މިސްކިތުގެ ދިފާޢުގައި ދިވެހި ދައުލަތުން ގެންގުޅޭ ޒަމާންވީ ސިޔާސަތަށް ކުޑަވެސް ބަދަލެއް ނާންނަކަމަށެވެ. އަދި، ފަލަޞްޠީނާއި އަލްއަޤުޞާ މިސްކިތުގެ ދިފާޢުގަ ޙައްޤާއި އިންސާފަށް ވަކާލާތު ކުރުމުގަ ރާއްޖެ އަބަދުވެސް ދެމި އޮންނާނެކަމަށެވެ.
ރާއްޖޭގައި ހުންނަ ޔޫއެންގެ އޮފީސްތަކުގެ އިމާރާތާއި، އިނގިރޭސިވިލާތް އަދި ޖަރުމަން އެމްބަސީގެ އިތުރުން، އިނގިރޭސިވިލާތު ސަފީރާއި،ސައުދީ ސަފީރު ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވެ ބަޔަކު މީހުން ފަލަޞްޠީނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާއި ދެކޮޅަށް އަޑުއުފުލާފައި ވެއެވެ. މި މައްސަލައިގައި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފުވެފައިވާކަމަށްބުނެ އެކަމުގައި ހަރަކާތްތެރިވި ޑރ. ޝަޒުރާ އިބްރާހިމް އާއި އާއިޝަތު ޝާދިޔާ ފުލުހުންވަނީ އިއްޔެގެ މެންދުރު ހައްޔަރުކޮށްފަ އެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ ފުލުހުން ތަކުރާރުކޮށް އިންޒާރުދީވެސް އެކަން ނުހުއްޓުމުންނެވެ.




