މިމަހުގެ ނިމިދިޔަ 21 ވަނަ ދުވަހަކީ މުޙައްމަދު އަމީން ދީދީގެ 10 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައިތާ 71 އަހަރު ފުރުނު ދުވަހެވެ. ހިޖުރީ ގޮތުން 1372 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 11 ވަނަ ދުވަހާ ދިމާވާ މީލާދީ ސަނަތުން 1953 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 21 ވީ ހުކުރު ދުވަހު، ދުރާލާ ރޭވިގެން ގެނެވުނު ކުއްލި އިންޤިލާބަކުން ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަން ނިމުމަކަށް އައެވެ. އޭރު އެމަނިކުފާނު ހުންނެވީ ބޭސްކޮޅަކަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށްޓަކައި ކޮޅުނބުގައެވެ. މިއީ ދިވެހިރާއްޖޭގައި ފުރަތަމަ ފަށައިގަތް ޖުމްހޫރީ ވެރިކަން 7 މަހާއި 21 ދުވަސް ފަހުން ނިމިގެން ދިޔަ ތާރީޚީ ދުވަހެވެ.
މުޙައްމަދު އަމީން ދީދީގެ ޖުމްހޫރީ ވެރިކަމުގެ މުއްދަތަކީ 7 މަހާއި 21 ދުވަހުގެ ކުރު މުއްދަތަކަށް ވިޔަސް، އެމަނިކުފާނުގެ މުޅި ވެރިކަމުގެ ދައުރަކީ 10 އަހަރަށްވުރެ ދިގު މުއްދަތެކެވެ. އެމަނިކުފާނުގެ ވެރިކަން ފެށުނީ 7 އޭޕްރީލް 1943 ގައެވެ. ވެރިކަން ފެއްޓެވީ އޭރުގެ ޤާނޫނުއަސާސީގެ ދަށުން ދައުލަތް ހިންގުމުގެ އެންމެ އިސް މަޤާމު ކަމުގައިވާ ވަޒީރުއްދާޚިލިއްޔާގެ ހައިސިއްޔަތުންނެވެ. އޭގެ ފަހުން، 31 މެއި 1951 އިން ފެށިގެން، އެމަނިކުފާނު ސަރުކާރު ހިންގެވީ ވަޒީރުލްއަޢުޡަމް ނުވަތަ ބޮޑުވަޒީރުގެ މަޤާމުގައި ހުންނަވައިގެންނެވެ. ޖުމްހޫރީ ވެރިކަން ފެށުނީ 1 ޖެނުއަރީ 1953 ގައެވެ.
އިސްވެ ބަޔާންކުރެވުނު އިންޤިލާބަށް ފަހު، ހިޖުރައިން 1372 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 12 ވަނަ ދުވަހާ ދިމާވާ މީލާދީ ސަނަތުން 1953 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 22 ވީ ހޮނިހިރު ދުވަހު، ދިވެހިރާއްޖޭގެ ވެރިކަން ހިންގެވުމާ ޙަވާލުވެވަޑައިގަތީ ސުމުއްވުލްއަމީރު އިބްރާހީމް ފާމުދޭރި ކިލެގެފާނާއި ވެލާނާގޭ އިބްރާހީމް މުޙައްމަދު ދީދީއެވެ.
އެ ދެ ބޭފުޅުންގެ ވެރިކަން ކުރިއަށް ދިޔަ ގޮތުގެ މައްޗަށް ބަލާލުމުގެ ކުރިން، އިންޤިލާބުގެ ދުވަހު ހިނގި ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލާނަމެވެ. އެ ދުވަހުގެ ހުކުރު ނަމާދަށްފަހު، ގިނަ ރައްޔިތުންތަކެއް ގުޅަކުޅޭ ފަސްގަނޑަށް އެއްވިއެވެ. މި ތަނަކީ މިހާރުގެ ސަލްޓަން ޕާކު، އާދެ، އޭރުގެ ރަސްކަމުގެ ބޮޑުގަނޑުވަރު ކުރިމަތީގައިވާ މައިދާނެވެ. އޭރު ސިފައިންގެ އިމާރާތް ހުރީ މިހާރުގެ ނޮވެންބަރު 3 ގެ ހަނދާނީ ބިނާ ހުރި ތަނުގައެވެ.

އެ ވަގުތު، ސިފައިންގޭގެ ދޮރުމަތީގައި ސަރުކާރު ހިންގެވުމާ ހަވާލުވެ ހުންނެވި، ނާއިބުރައީސް ޞާޙިބުލްމަޢާލީ އިބްރާހީމް މުޙައްމަދު ދީދީއާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން ތިއްބެވިއެވެ. ގުޅަކުޅޭ ފަސްގަނޑު އޮތީ ފުރިބާރުފައެވެ. އެއްއަޑަކުން ރައްޔިތުން ފާޅުކުރަމުންދިޔަ ޝުޢޫރަކީ ދިވެހި ޤައުމުގެ ރައީސް މުޙައްމަދު އަމީން ދީދީގެ މައްޗަށް ދިވެހީން ކުރަމުން އައި އިތުބާރު މުޅިން ގެއްލިފައިވާ ވާހަކައެވެ. އެމަނިކުފާނު އިސްލާމްދީނުގެ ހަމަތަކާއި ޢަދުލުއިންޞާފާ ޚިލާފުވެފައިވާ ކަމަށާއި، ދިވެހި ޤައުމު ޖުމްހޫރިއްޔަތަކަށް ނޭދޭ ކަމަށް ރައްޔިތުން ގޮވަމުން ދިޔައެވެ.
އަދި މުޙައްމަދު އަމީންގެ ވެރިކަމުގައި ޤައުމަށް ލިބުނު އަނިޔާއާއި ދުއްތުރާތަކުން ރާއްޖެ ސަލާމަތްކޮށްދެއްވުމަށް އެކި ގޮތްގޮތުން އެދެމުން ދިޔައެވެ. މިކަމަށްޓަކައި، އެއްގަމުގޭ ސުމުއްވުލްއަމީރު އިބްރާހީމް ފާމުދޭރި ކިލެގެފާނާއި ވެލާނާގޭ އިބްރާހީމް މުޙައްމަދު ދީދީ ދައުލަތުގެ ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ރައްޔިތުން ގޮވާލިއެވެ. ބައެއް މީހުންގެ ބަހުން ބުނެވޭ ގޮތުގައި ރައްޔިތުން އެއްކުރުވައިގެން މިގެނައި އިންޤިލާބުގެ އަސްލު މޭސްތިރިއަކީ އަމީން ދީދީގެ ނާއިބު ވެލާނާގޭ (މާޖެހިގޭ) އިބްރާހީމް ދީދީއެވެ.
ގުޅަކުޅޭ ފަސްގަނޑުގައި ތިބި ރައްޔިތުން، ތިމަންމެން މިތިބީ އިސްލާމްދީނުގެ އަސްލުތަކަށް ޙުރުމަތްތެރިކޮށް ހިތައި، އޭރު ހިނގަމުންދިޔަ ބޭކާރު ޚަރަދުތައް މަދުކޮށް، ރައްޔިތުންނާއެކު ދައުލަތުގެ ކަންކަން ހިންގާނެ ޤާބިލު ވެރިއަކު ހޯދުމަށް ކަމުގައި ބަޔާންކުރިއެވެ. މި އެއްވުމުގައި މުޙައްމަދު އަމީން ދީދީގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ވެސް ނަގައި އެކަން ފާސްކުރިއެވެ. އަދި ރައްޔިތުންގެ ފަރާތުން ގައުމު ހިންގާނެ ވަގުތީ ވެރިންގެ ގޮތުގައި އިބްރާހީމް ފާމުދޭރި ކިލެގެފާނާއި ވެލާނާގޭ އިބްރާހީމް މުޙައްމަދު ދީދީ ޢައްޔަންކުރިއެވެ.

މުޙައްމަދު އަމީން ދީދީގެ ވެރިކަން އެންމެ ގާތުން ދެކެވަޑައިގެންނެވި އެއް ބޭފުޅަކީ ހެންވޭރުގޭ އަޙްމަދު ކާމިލް ދީދީއެވެ. އަޙްމަދު ކާމިލް ދީދީއަކީ ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީއަށް ފަހު، ވަޒީރުކަމާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނު ލިޔުއްވާފައިވާ ގޮތުން، މުޙައްމަދު އަމީން ދީދީ ދައުލަތުގެ ޚަޒާނާއާއި، ރައްޔިތުންގެ މުދަލާއި، އަދި ބައެއް އަންހެން ކުދިންނާމެދު ޢަމަލުކުރައްވަމުން ގެންދެވީ އެމަނިކުފާނުގެ ހިތްޕުޅަށް އެރި ގޮތެކެވެ.
އަޙްމަދު ކާމިލް ދީދީގެ ލިޔުމުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މުޙައްމަދު އަމީން ދީދީގެ ވެރިކަމުގެ ދުވަސްވަރު ދިވެހިރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ޙާލަތު ވަރަށް ބޮޑަށް ދަށްވެގެން ދިޔަކަމަށް ބަޔާންކުރައްވާފައިވެއެވެ. އަދި ދައުލަތުގެ މާލިއްޔަތަށް ނޭދެވޭ އަސަރުތަކެއް ކުރިކަމަށް ވެސް ލިޔުއްވާފައިވެއެވެ. އަދި އޭގެ އިތުރުން ބައެއް ޒުވާން އަންހެނުންގެ ޢިއްފަތްތެރިކަމަށް އަސަރުކުރިކަން ވެސް ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން، ”މަދަނިއްޔަތު“ ގެ ނަމުގައި ހިންގެވި ބައެއް ޙަރަކާތްތަކުގެ ސަބަބުން ރައްޔިތުންގެ މުދަލަށް ގެއްލުން ލިބުނު ކަމަށާއި، ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް އުނިކަން އައި ކަމަށް އަޙްމަދު ކާމިލް ދީދީ ލިޔުއްވާފައިވެއެވެ. އެމަނިކުފާނުގެ ލިޔުމުގައި، އެ ދުވަސްވަރު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ދަށްވެ، ބަނޑަށްޖެހި ކައިނޫޅޭ ގަސްގަހުގެ ފަތް ކާން މަޖުބޫރުވި ހިސާބަށް ދިޔަކަމަށް ބަޔާންކުރައްވާފައިވެއެވެ.

އަޙްމަދު ކާމިލް ދީދީގެ ނަޒަރުގައި، ޖުމްހޫރިއްޔަތުގެ ނަމުގައި ހިންގި ވެރިކަމަކީ ޙަޤީޤަތުގައި ޚުދުމުޚުތާރު ވެރިކަމެކެވެ. އެވެރިކަމުން ޤައުމުގެ މިނިވަންކަމަށާއި ގައުމުގެ އިސްލާމީވަންތަކަމަށް އުނިކަން އައި ކަމަށް އެމަނިކުފާނު ދެކެވަޑައިގެންނެވިއެވެ. އަދި މި ހުރިހާ ކަމެއްގެ ޒިންމާ އުފުލަންޖެހެނީ އޭރުގެ ވެރިކަމުގެ އެންމެ އިސްފަރާތް ކަމުގައިވާ މުޙައްމަދު އަމީން ދީދީ ކަމަށް ލިޔުއްވާފައިވެއެވެ. ރައްޔިތުން އިންޤިލާބެއް ގެނެސް، މުޙައްމަދު އަމީން ދީދީގެ ވެރިކަން ބަދަލުކުރީ މި ސަބަބުތަކަށްޓަކައި ކަމަށް އަޙްމަދު ކާމިލް ދީދީ ލިޔުއްވާފައިވެއެވެ.
އިންޤިލާބު ދުވަހު ގުޅަކުޅޭ ފަސްގަނޑަށް އެއްވި ރައްޔިތުން، އެބައިމީހުންގެ ނަޒަރުގައި ރައްޔިތުންނާއި ޤައުމުގެ މަޞްލަޙަތާ ޚިލާފު ޢަމަލުތައް ހިންގަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ނަން ލިސްޓެއް އިއްވިއެވެ. މި ލިސްޓުގައި ހިމެނުނު މީހުންނީ:
– އުއްތަމަ ފަނޑިޔާރު އައްޝައިޚް ޢަބްދުﷲ ޖަލާލުއްދީން (ޢަބްދުﷲ ފަހުމީ ދީދީ)
– ވަޒީރުއްތިޖާރާ އަލްފާޟިލް ކުޑަދަހަރާގޭ އިބްރާހީމް ދީދީ
– ވަޒީރުލްމުއާޞަލާތު އައްނަބީލް ޙަސަން ޢަލީދީދީ
– ހެންވޭރުއަވަށުގެ ވެރި އަލްމުޙްތަރަމް ޙަސަން ރަނަހަމާންތި ކަލޭގެފާނު
– ކެރަފާ މުޙައްމަދު ކަލޭގެފާނު
– މައިޒާންދޮށުގޭ މުޙައްމަދު މަނިކު
– ސިފައިންގެ ސަރުދާރު ބަންދު މުޙައްމަދު ކަލޭގެފާނު
– އޭނާގެ ކޮއްކޮ ބަންދު މޫސާ ކަލޭގެފާނު
– ބޮޑު އިސްޓޯރުގެ މެނޭޖަރު ކުޑަ އިބްރާހީމް މަނިކު
– ބަންޑާރަ ނާއިބުގެ މުޢާވިނު ފާމުދޭރިގޭ އަޙްމަދު ޢަލީދީދީ
– ބަންޑާރަ ނާއިބުގެ މުޢާވިނު އުނގުލު މޫސާ ކަލޭގެފާނު
– ބުޗާ ޙަސަން ކަލޭގެފާނު
ޤައުމުގެ މަޞްލަޙަތު ރައްކާތެރިކުރުމަށާއި، ރައްޔިތުން ހުށަހެޅި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އަދި ރައްޔިތުންގެ ތެރޭގައި އުފެދިފައިވާ ހަމަނުޖެހުން ނިމުމަކަށް ގެނައުމުގެ މަޤްޞަދުގައި، އިބްރާހީމް ފާމުލަދޭރި ކިލެގެފާނާއި އިބްރާހީމް ދީދީއާ ދެބޭފުޅުން އެ ލިސްޓުގައި ހިމެނޭ ފަރާތްތައް ސިފައިންގޭގައި ބަންދުކުރުމަށް ނިންމަވައި އެކަން ތަންފީޒުކުރެއްވިއެވެ.

އެދުވަހު ރައްޔިތުންގެ ފަރާތުން ފާމުދޭރި ކިލެގެފާނާއި އިބްރާހީމް ދީދީއަށް ލަފާ އެރުވުމަށްޓަކައި، މާލޭގެ ހުރިހާ އަވަށެއް ތަމްސީލުކުރާ ގޮތަށް ޚާއްޞަ މަޝްވަރާ ކޮމެޓީއެއް ވެސް އެކުލަވާލިއެވެ. މި ކޮމެޓީގައި ހިމެނުނީ:
ހެންވޭރުން:
• އަލްފާޟިލް ގަސްދޮށުގޭ އަޙްމަދު ދީދީ
• އައްޝައިޚް އިބްރާހީމް ރުޝްދީ
• އަލްފާޟިލް ވެލާނާގޭ އިބްރާހީމް ނާޞިރު
• އަލްމުޙްތަރަމް ޖާރިޔާ މޫސާފުޅު
މާފަންނުން:
• އައްނަބީލް އިބްރާހީމް ފަރީދު ދީދީ
• އަލްފާޟިލް އިބްރާހީމް ޝިހާބު
• އަލްފާޟިލް އިބްރާހީމް ޒަކީ
• އަލްފާޟިލް މުޙައްމަދު ޒަކީ
ގަލޮޅުން:
• އައްނަބީލް ޙުސައިން ޙަބީބު
• އައްސައްޔިދު އިބްރާހީމް ޙަލީމް
• އަލްފާޟިލް އެދުރުގޭ ދޮންތުއްތު ދީދީ
މައްޗަންގޮޅިން:
• އައްނަބީލް އިސްމާޢީލް މުޙައްމަދު ދީދީ
• އަލްމުޙްތަރަމް ޒަކަރިއްޔާ ޙަސަން ކަލޭގެފާނު
• އަލްމުޙްތަރަމް ބަގުފަޑިއްގޭ އިބްރާހީމް މަނިކު
• އަލްމުޙްތަރަމް މަލިން އިބްރާހީމް ކަލޭގެފާނު
ފަހުން، އެކި ދުވަސްމަތިން މި މަޝްވަރާ ކޮމެޓީއަށް އިތުރުކުރެވުނު މެންބަރުންނަކީ:
• އަލްފާޟިލް އިބްރާހީމް ޙަސަން ދީދީ
• އަލްއުސްތާޛް އަޙްމަދު ކާމިލް ދީދީ
• އަލްފާޟިލް ކޮލިގޭ ޢުމަރު މަނިކު
• އައްނަބީލް ޢަބްދުލްވައްޙާބު
• އަލްއުސްތާޛް މުޙައްމަދު ޖަމީލު
• އަލްފާޟިލް މަލިން މުޙައްމަދު ދީދީ
• އަލްމުޙްތަރަމް ފަހާގޭ މުޙައްމަދު މަނިކު
އިންޤިލާބުގެ ދުވަހުގެ އިރުއޮއްސުމާ ކައިރިވެފައިވަނިކޮށް، އަލުން ރައްޔިތުންގެ ހަރަކާތްތައް ހޫނުވެ، ރައްޔިތުން ނުރުހޭ ކުށްވެރިން މާލެއިން ބޭރުކުރުމަށް އެދުނެވެ. އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި، ކުރިން ރައްޔިތުން ހުށަހެޅި ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން އައްޝައިޚް ޢަބްދުﷲ ޖަލާލުއްދީން (ޢަބްދުﷲ ފަހުމީ ދީދީ) ފިޔަވައި އެހެން އެންމެން އަރުވާލުމަށްޓަކައި އޮޑިއޮޑިފަހަރަށް އެރުވުނެވެ. އައްޝައިޚް ޢަބްދުﷲ ފަހުމީ ދީދީ އެދުވަހު ހުންނެވީ ތުލުސްދޫގައި ކަމުން، އެމަނިކުފާނު އެރަށުން ސީދާ ތޮއްޑޫއަށް ފޮނުވާލެވުނެވެ.

ޖެހިގެން އައި 1953 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 22 ވީ ހޮނިހިރު ދުވަހު މަޝްވަރާ ކޮމެޓީ ނުވަތަ އިންޤިލާބު ކޮމެޓީގެ ލަފާގެ މަތިން އިބްރާހީމް ފާމުދޭރި ކިލެގެފާނާއި އިބްރާހީމް މުޙައްމަދު ދީދީ ދިވެހިރާއްޖޭގެ ވެރިކަން ހިންގަވަން ފެއްޓެވިއެވެ. މި ދެ ބޭފުޅުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުން، މާލޭގައި ހިނގި އިންޤިލާބުގެ ޚަބަރު ރާއްޖެތެރެއަށް ފޯރުކޮށްދީ، އެކަމާމެދު ރާއްޖެތެރޭގެ ރައްޔިތުންގެ ޝުޢޫރުތައް ދެނެގަތުމަށްޓަކައި ދެ ވަފުދު ފޮނުއްވިއެވެ. މި ވަފުދުތަކުން ރާއްޖެތެރެއަށް ކުރި ދަތުރުތަކުން އެނގިގެން ދިޔައީ ސިޔާސީ ގޮތުން ގެނެވުނު ބަދަލަކީ ރާއްޖެތެރޭގެ ރައްޔިތުން ވެސް އެދިއެދި ތިބި ބަދަލެއްކަމެވެ.
މި ބޭފުޅުންގެ ވެރިކަމުގައި، ރާއްޖެތެރެއާއި މާލޭގެ ރަށްތަކުގެ ވެރިންނާއި އާންމު ރައްޔިތުންގެ ތެރެއިން، އެބައިމީހުންގެ ކަންބޮޑުވުންތަކާއި އެދުންތައް ފާޅުކުރާނެ ފަރާތްތައް ގެނެސް، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި މައްސަލަތައް ދެނެގަތުމަށްފަހު، އެ ކަންކަން ރައްޔިތުންގެ އެދުމާ އެއްގޮތަށް ހައްލުކޮށްދެއްވިއެވެ. މިގޮތުން ހައްލުކޮށްދެއްވި ކަންތައްތަކުގެ ތެރޭގައި ރުއްގަސް ކެނޑުން މަނާކުރުމާއި، ގެދޮރު ނުނެގުމާއި، އެކި ނަންނަމުގައި ރައްޔިތުންގެ އަތުން ނަގަމުންދިޔަ ފައިސާ ނެގުން ހުއްޓާލުމާއި، ދުންފަތުގެ ބާވަތްތައް ބޭނުންކުރުން މަނާކޮށްފައިވާކުރުން ނިމުމަކަށް ގެނައުން ހިމެނެއެވެ.
ފާމުލަދޭރި ކިލެގެފާނާއި އިބްރާހީމް ދީދީގެ ވެރިކަން ފެށުމާއެކު، ޖުމްހޫރިއްޔަތު އުވާލައި އަލުން ރަސްކަން ޤާއިމުކުރުމަށްޓަކައި ޤާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް ފެށިގެންދިޔައެވެ. އަދި އެ ބޭފުޅުންގެ ބަސްމަގުން ދަންނަވާނަމަ، މުޙައްމަދު އަމީން ދީދީގެ ”އަމިއްލަ ބާރު ގަދަކުރެއްވުމަށް އުފެއްދެވި“ ދިވެހިރާއްޖޭގެ ފުރަތަމަ ސިޔާސީ ޕާޓީ ކަމުގައިވާ ރައްޔިތުންގެ މުތަޤައްދިމް ޕާޓީ އުވާލެއްވިއެވެ. އަދި މަޙްކަމަތުއްޝަރްޢިއްޔާގެ ނިޔާ ކަނޑައެޅުމުގެ ބާރު ދީނީ ޢިލްމުވެރިންގެ ކޮމިޓީއަކާ ޙަވާލުކުރެއްވިއެވެ.

އޮގަސްޓު 1953 ގައި ގެނައި އިންޤިލާބުން މުޙައްމަދު އަމީން ދީދީގެ ވެރިކަން ނިންމާލިތާ ފަސްވަނައަށް ވީ ދުވަހު މުޙައްމަދު އަމީން ދީދީ މާލެ ގެންނެވުމަށްޓަކައި މާލޭގައި ހަމަނުޖެހުމެއް ހިނގައިގެން އުޅޭ ކަމަށާއި އަވަހަށް ރާއްޖެ ވަޑައިގަތުމަށް ވަޔަރުލެސް މެސެޖަކުން ކޮޅުނބުގައި ހުންނެވި މުޙައްމަދު އަމީން ދީދީއަށް އެވަގުތު ވެރިކަމާ ހަވާލުވެވަޑައިގެން ހުންނެވި ދެބޭފުޅުންގެ ތެރެއިން އިބްރާހީމް ދީދީ ދެންނެވިއެވެ. އޭނާއަކީ މުޙައްމަދު އަމީންގެ ނައިބު ރައީސްވެސް މެއެވެ.
އިންޤިލާބީ ސަރުކާރުގެ ދެވެރިންގެ ތެރެއިން އިބްރާހީމް ދީދީގެ މެސެޖު ލިބިވަޑައިގަތުމުން މާލެ ވަޑައިގަތުމުގެ ނުރައްކާތެރިކަން އެނގިވަޑައިގެން ހުންނަވައި މުޙައްމަދު އަމީން ދީދީ 31 އޮގަސްޓު 1953 ގައި އިނގިރޭސީންގެ ރޯޔަލް އެއާފޯސްގެ މަތިންދާބޯޓެއްގައި ދިވެހިރާއްޖެއަށް ވަޑައިގެންނެވިއެވެ. އިންޤިލާބީ ސަރުކާރުން އޭރު އޮތީ މުޙައްމަދު އަމީން ވަޑައިގަންނަވާ ވާހަކަ މާލޭގެ ހަތަރު އަވަށުގެ މައިޒާންގެތައް ދޮށުގައި އިއްވުނު އިއުލާނަކުން ރައްޔިތުންނަށް އަންގާފައެވެ. އަދި މަޑުމައިތިރިކަމާއި ކިޔަމަންތެރިކަމާއެކު ތިބުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
އެދުވަހުގެ މެންދުރުފަހު އެކެއް ޖަހައިގެން އުޅެނިކޮށް އާރްއޭއެފްގެ މަތިންދާބޯޓު އައިސް ފުނަދުވާއި މާލެއާ ދެމެދަށް ޖެއްސިއެވެ. އޭރު މާލޭގެ އުތުރުފަރާތު އަތިރިމައްޗަށް ރައްޔިތުން އެއްވެ އޮތީ ފުރި ބާރުވެފައެވެ. އިންޤިލާބީ ވެރިންނާއި ދައުލަތުގެ ބޮޑުން ބޮޑު ފާލަން މަތީގައި ތިއްބެވިއެވެ. ދެން ދޯނިކޮޅެއްގައި ފާމުދޭރި ކިލެގެފާނާއި އިބްރާހީމް ދީދީއާ ދެބޭފުޅުން މަތިންދާބޯޓާ ކައިރިއަށް ވަޑައިގެންނެވިއެވެ. އަދި އެއަށްފަހު މުޙައްމަދު އަމީން ދޯނިކޮޅަށް އަރައިވަޑައިގަތުމާއެކީ ދޯނީގެ މިސްރާބު ދޫނިދޫއާ ދިމާއަށް ބަހައްޓާފައި ފަލިޖަހަން ފެށިއެވެ.

ދޯނިކޮޅު، ދޫނިދޫއާ ދިމާއަށް މިސްރާބު ޖެހުމުން މާލެ ދިޔުމަށް މުޙައްމަދު އަމީން އެންގެވި ކަމަށްވެއެވެ. އަދި އިބްރާހިމް ދީދީ އެކަމާ ދެކޮޅުހައްދަވައި ރައްޔިތުން ތިބީ ރުޅިގަދަވެފައި ކަމަށާއި އެހެންވެ ދޫނިދޫ އަށް ގެންދަނީ ކަމަށް ވިދާޅުވިކަމަށްވެއެވެ. ނަމަވެސް މާލެ ގެންގޮސްދެއްވައިފި ނަމަ ރައްޔިތުންގެ ރުޅިގަނޑު މައިތިރި ކުރުވައި ހަމަޖައްސަވާނެ ކަމަށާއި އެ މީހުން އެދޭ ކަންކަން ކޮށްދެއްވާނެކަމަށް މުޙައްމަދު އަމީން ވިދާޅުވި ކަމަށްވެސް ވެއެވެ. އެކަމަކު އެބަސްފުޅު ނައައްސަވައި ފަލިޖަހާފައި ގޮސް ދޯނިކޮޅު ބަނދަރުކުރީ ދޫނިދޫގައެވެ. އެއަށްފަހު މުޙައްމަދު އަމީން ދީދީ އަދާކުރައްވަމުން ވަޑައިގެންނެވި ދައުލަތުގެ ހުރިހާ މަގާމަކުން ވަކިކުރައްވައި ދޫނިދޫގައި ބަންދުކުރެއްވިއެވެ. އާދެ މުޙައްމަދު އަމީން ދީދީގެ ވެރިކަން އެއްކޮށް ނިމުނީއެވެ.




