ވަރަށް ރަނގަޅު ބިންގަލެއްގައި މެދު އަދި ދުރު ރާސްތާގެ ދެމެހެއްޓެނިވި ތަރައްޤީ ދިވެހިން ދެކޭތަން ކުރިމަގުގައި ފެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ސަންގު ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގަ އެވެ.
މި ބަސްދީގަތުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރައްވާނެ ކަމުގައި ވިދާޅުވެ، އެކަމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ ބައެއް މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ.
”އިރާދަކުރެއްވިއްޔާ އިޤްތިޞާދު ހަރުދަނާ ކުރާނަން، ކުރަމުން މިދަނީ. ބިންގާ ރަނގަޅު، ފައިސާ ޗާޕެއް ނުކުރަން. އެއީ އެންމެ ފުރަތަމަ ކަންތައް. ޑޮލަރު އަޅުގަނޑުމެން ތެރޭގައި އިތުރު ކުރުމަށްޓަކައި ބައިވަރު ބަދަލުތައް މި ގެންނަނީ، ޤާނޫނީ ބަދަލުތަކާ، ނިޒާމީ ބަދަލުތަކާ މިގެންނަނީ. އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ތަނުގައި އަޅުގަނޑުމެންގެ ރިޒާވްވެސް ވަރުގަދަ ވާނެ.“ ރައީސް ވިދާޅުވެފައި ވެއެވެ.
ރައީސް ވިދާޅުވީ ދައުލަތުން އެކި ކުންފުނިތަކަށާއި، މަސައްކަތްތެރީނަށް ދޭން ހުރި ފައިސާ ދެއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަމާޒަކީ އެފައިސާ ނޮވެންބަރުމަހުގެ ނިޔަލަށް ދައްކާ ޚަލާސްކުރުނުން ކަމުގައި ރައީސް ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ މަސައްކަތްތެރީންނަށް، ކުންފުނިތަކަށް، ކުދި މެދު ފަންތީގެ ވިޔަފާރިތަކަށް، ދޭން ހުރި ފައިސާވެސް އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ދެމަސް ތެރޭގައި ހަމަ ދެމުންދެމުން ދާނީ. އަޅުގަނޑުގެ ޓާރގެޓަކީ ނޮވެމްބަރު މަސް ނިމެންވާއިރަށް މިހާރު ޕެންޑިންގައި ހުރި ނުދެވި ހުރި ފައިސާތައް މީހުންނަށް ދީ ނިންމޭނޭ.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަސްވެރިންނަށްވެސް ބިލިއަނެއްހާ ރުފިޔާ ދެވިއްޖެ ކަމަށާއި މަސްވެރިކަން އިތުރަށް ފުޅާކުރުމަށް ފެކްޓްރީތައް ހެދުމުގެ މަސައްކަތްތައް ރޭވި، އިޤްތިޞާދު ރަނގަޅުވަމުންދާކަމުގައި ވިދާޅުވި އެވެ. އެގޮތުން އެއާޕޯޓު ނިމެމުންދާ ކަމަށާއި އިތުރު ރިޒޯޓްތައް ހުޅުވެމުން އަންނަކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އަދި އިތުރު ބޮޑެތި ބައެއް މަޝްރޫޢުތައް ފެށުމަށްޓަކައި ކުރައްވަމުން ގެންދަވާ ބައެއް މަސައްކަތްތަކުގެ މަޢުލޫމާތުވެސް ހިއްސާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ޗައިނާއާއި އިންޑިއާ ފަދަ ޤައުމުތަކުން މާލީ އަދި އިޤްތިޞާދީ ހަމަޖެހުމަށް ބޭނުންވާ އެކި ފުރުސަތުތައް ފަހިވަމުންދާ ކަމަށެވެ. މިގޮތުން މާލެއަށް އެންމެ ބޮޑުވެފައި އޮތް މަގުތަކުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ޗައިނާގެ ހިލޭ އެހީގެ ދަށުން ބޮޑު މަޝްރޫޢެއް ރޭވެމުންދާކަމުގައި ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ބޮޑެތި މަޝްރޫޢުތަކަކީ ރޭވުންތެރިކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި ބޮޑެތި ތައްޔާރީތަކެއް ވާންޖެހޭ ކަމަށެވެ. އަދި، އެކަމަކ ގިނަ ވަގުތު ހޭދަވާ ކަމެއްކަން ފާހަގަކުރައްވައި، އެފަދަ ގިނަ މަޝްރޫޢުތައް ފެށުމުގެ ކުރީން ވާންޖެހޭ ތައްޔާރީތައް ފަރުދާގެ ފަހަތުގައި ހަލުވިކަމާއެކު ހިނގަމުންދާކަމުގައި ވިދާޅުވި އެވެ. އަދި ބޭރު ޤައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެއަށް ބައިވަރު ކަންތައްތައް ހަމަޖެހިފައިވާކަމުގައި ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އެހެން ޤައުމުތަކާއެކީ އޮންނަ ގުޅުން ވަރަށް ރަނގަޅުވެފައިވާ ކަމަށާއި، ޚާރިޖީ ގުޅުން ރަނގަޅުވެ، އެކަމުގެ ސަބަބުން އިޤްތިޞާދުވެސް ރަނގަޅު އަސާސްތަކެއްގެ މަތީގައި ބިނާވަމުންދާކަމުގައި ވިދާޅުވި އެވެ. އަދި ސަރުކާރުގެ ބައެއް ކުންފުނިތައް އެއްކޮށްލުން ކަހަލަ ކަންތައްތައް ކުރަމުން މިދަނީވެސް އިޤްތިޞާދީ އިޞްލާޙުތަކުގެ ތެރެއިންކަން ފާހަގަކުރެއްވި އެވެ.



