ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މެލޭޝިޔާގެ މިނިވަންދުވަހުގެ ތަހުނިޔާ މެލޭޝިއާގެ ރަސްގެފާނު ސުލްޠާން އިބްރާހީމާއި ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ފޮނުއްވައިފި އެވެ.
އެ ދެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ރާއްޖެއާއި މެލޭޝިޔާއާ ދެމެދުގައި އޮތް ގުޅުމަކީ ދެޤައުމުގެ މެދުގައި އޮންނަ އިޙްތިރާމާއި، އެއްބައިވަންތަ އުޞޫލުތަކާއި، ރައްޔިތުންގެ މެދުގައިވާ ދެމެހެއްޓެނިވި ގުޅުމެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވާފައި ވެއެވެ. އަދި، ޒަމާނުއްސުރެ ދެ ޤައުމުގެ މެދުގައި އޮތް މި ގުޅުން ލާބައާއި މަންފާއަށްޓަކައި އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މެލޭޝިޔާގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، މެލޭޝިޔާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައި ވެއެވެ.




