ފުލުހުންގެ އާސާރު ދައްކާލަން ޚާއްސަ ހަރަކާތެއް ބާއްވަން ފުލުހުން ނިންމައިފި އެވެ.
ސެޕްޓެމްބަރު މަހުގެ ފުރަތަމަ ތިންދުވަހު ގައުމީ ދާރުލްއާޘާރުގައި މި ހަރަކާތް ބާއްވަނީ ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ އާސާރުތައް ދައްކާލުމަށް ފަށަނީ މާދަމާ މެންދުރު ފަހު 2:00 ގަ އެވެ. އަދި ހަވީރު 6:00 އާހަމަޔަ ކުރިޔަށްގެންދާނެއެވެ. އަދި މާދަމާ ރޭގަނޑު 8:00-10:00 އަށްވެސް ކުރިޔަށްދާނެއެވެ. ސެޕްޓެމްބަރު 2 އަދި 3 ވަނަ ދުވަހު ކުރިޔަށްދާނީ ހެނދުނު 9:00-4:00 އަށް އަދި ރޭގަނޑު 8:00-10:00 އަށެވެ.
މި އާސާރުގައި ފުލުހުންގެ ތާރީޚީ ގިނަ ފޮޓޯތައް ދައްކާލާއިރު، ފުލުހުންގެ ޚިދުމަތުގެ މުހިންމު މައުލޫމާތުތައްވެސް އޮޅުން ފިލުވޭނެއެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް މާދަމާ ބާއްވާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން ރަސްމީ ޖަލްސާ އޮންނާނީ ހެނދުނު 09:00 ގަ އެވެ. އަދި ރޭގަނޑު 09:00 ޖަހާއިރު، ފުލުހުންގެ ޚިދުމަތުގައި ދިގުމުއްދަތަށް ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ރަސްމިއްޔާތެއްވެސް ބޭއްވުމަށް ވަނީ ރާވާފަ އެވެ.


