އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ”ޒުވާން ޚަޠީބުން“ ޕްރޮގުރާމު މުޖުތަމަޢުން ބަލައިގެންފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެެއްޖެ އެވެ.
ޒުވާން ޚަޠީބުން ޕްރޮގުރާމްގެ ދެވަނަ ބުރު ނިންމައި ސަނަދު ހާސިލްކުރި ޒުވާނުންނަށް ސަނަދު ޙަވާލުކުރެއްމަށް ޓަކައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ބައެއް ރަށްރަށުގައި ޚަޠީބުން މަދުވުމުގެ މައްސަލަ ބޮޑުވެފައިވާކަން ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުން ފާހަގަކުރެއްވުނުކަމަށާއި މި ޕްރޮގުރާމަކީ އެ ކަމަށް ހައްލު ހޯދެއްވުމަށް ޓަކައި ރާއްވަވައިގެން ފެއްޓެވި މަޝްރޫއުއެއްކަމަށެވެ.
ވަޒީރު ވިދާޅުވީ، ޒުވާނުން ޚަޠީބުކަމުގެ ސަނަދު ހާސިލްކުރުމުން ރަށްރަށުން ހޫނު މަރުހަބާ ކިޔާ މަންޒަރާއި، ޢީދު ނަމާދު ފަދަ ބޮޑެތި ޖަމާޢަތްތަކުގައި ނަމާދުކުރުމުގެ ފުރުސަތު އެ ޒުވާނުންނަށް ދެމުންދާ މަންޒަރު ފެނިވަޑައިގަންނަވާމަށާއި މިއީ މުޖުތަމަޢުން މި ޕްރޮގުރާމް ބަލައިގެންފައިވާކަން ހާމަވާކަމެެއް ކަމަށެވެ.
ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގުރާމުގެ ދެ ބުރެއް މިހާރު ނިމި، 300އަށް ވުރެ ގިނަ ޒުވާނުން ސަނަދު ހާސިލްކޮށްފައި ވެއެވެ.


