ރާއްޖޭގެ އިގުތިސާދު ދިންދަފާތުކުރުމަށް، ރާއްޖޭގައި އިންވެސްޓްކުރާ ބޭރު ގައުމުގެ މީހުންނަށް ރާއްޖޭގައި ދިރިއުޅެވޭނެ ފަހި ފުރުސަތެއް ހޯދައި ދިނުމުގެ ގޮތުން، ”އިންވެސްޓަރ ރެސިޑެންސީ ޕްރޮގްރާމް“ އެއް ތައާރަފްކުރުމާއި ގުޅޭގޮތުން މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރަން ނިންމައިފި އެވެ.
ވަޒީރުންގެ މަޖިލީހުގައި ބައިވެރިވަޑައިގެންނެވުމުގެ ކުރިން ރައީސް ޑރ. މުއިއްޒު އެކްސްގައި ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ސިންގަޕޯރ ދުބާއީ ފަދަ ގައުމުތަކުގައި އިގުތިސާދު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެގައުމުތަކަށް އިންވެސްޓްކުރާ ބޭރުގެ މީހުންނަށް އެގައުމުގައި މަޑުކުރުމުގެ އިންތިޒާމް ހަމަޖައްސާފައި އޮންނަކަމަށެވެ. އެގޮތުން ރާއްޖޭގައިވެސް އިންވެސްޓަރުންނަށް ޚާއްސަ ރެޒިޑެންސީ ޕްރޮގްރާމެއް ތައާރަފްކުރުމުގެ ގޮތުން މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ. މިއީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރައްވާފައި ވެއެވެ.
މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި، އެސްއޯއީތައް ރީފޯމްކުރުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އެމްއޭސީއެލްގެ ދަށަށް ނުވަތަ ދެ ކުންފުނި އެއްކޮށްލުމާއި، އެޗްްްޑީސީގެ ދަށަށް ފަހި ދިިރިއުޅުން ކޯޕަރޭޝަން ބަދަލުކުރުން ނުވަތަ ދެ ކުންފުނި މާޖްކުރުމާއި، މޯލްޑިވްސް ފަންޑު މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް، އެކުގައި މަސައްކަތްކުރެވޭނެ ގޮތް ހޯދުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަަށް ރައީސް ވިދާޅުވި އެވެ.
މިދިޔަ ހަފްތާގައި ފެނަކަ ކޯޕަރޭޝަންވަނީ އެސްޓީއޯގެ ދަށުން ހިންގާ ކުންފުންޏެއްގެ ގޮތުގައި ސަރުކާރުން ނިންމާފަ އެވެ.



