ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ) ގެ ނަމުގައި އޮޅުވާލައިގެން، ވަކި ވަކި ފަރުދުން ކަސްޓަމަރުންނަށް ގުޅަމުންދާކަން ފާހަގަކުރެވިފައިވާތީ، އެކަމަށް ސަމާލުވުމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހްމީ އެދިވަޑައިގެންފި އެވެ.
އެކްސްގައި މިކަމާ ގުޅޭގޮތުން ހިސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، އޮޅުވާލައިގެން އެކުންފުނީގެ ކަސްޓަމަރުންނަށް ކޯލްތަކެއްކޮށް ދޮގު މައުލޫމާރު ފޯރުކޮށްދެމުންދާކަން އެކުންފުނީގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި، މިވަގުތު ހުރިހައި ކަސްޓަމަރުން އެ ކޯލްތަކަށް ސަމާލުވުމަށް އެދިވަޑައިގަންނަވާކަމަށެވެ.
”އަޅުގަނޑުމެންގެ ސަމާލުކަމަށް އައިސްފައިވަނީ އަޅުގަނޑުމެންގެ އަގުހުރި ބައެއް ކަސްޓަމަރުންނަށް ސްޓެލްކޯ ތަމްސީލުކުރާ ކަމަށް ހެދިގެން ވަކިވަކި ފަރުދުންގެ ފަރާތުން އޮޅުވާލައިގެން ކޯލްތައް ލިބެމުންދާކަން. މި ގުޅާ މީހުން ފޯރުކޮށްދެނީ ދޮގު މައުލޫމާތު ކަމަށާއި ތިބާއަށް އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވެދާނެ.“ ފަހްމީ ވިދާޅުވެފައި ވެއެވެ.
ފަހްމީ އިތުރަށް ވިދާޅުވެފައިވަނީ، ސްޓެލްކޯއިން އެއްވެސް ކަސްޓަމަރެއްގެ ޒާތީ މައުލޫމާތު ފޯނުގެ ޒަރީއާއިން ހޯދުމަށް ދުވަހަކުވެސް އެދިފައި ނުވާނެކަމަށެވެ. އެހެންކަމުން ޝައްކު ކުރެވޭ ކޯލެއް ލިބިއްޖެނަމަ، އެއްވެސް ޒާތީ މައުލޫމާތެއް ހިއްސާ ނުކޮށް، ވަގުތުން ކޯލް ނިންމާލުމަށް އެދިވަޑައިގެންފައި ވެއެވެ.
”އަބަދުވެސް އެއްވެސް މުއާމަލާތެއްގެ ސައްހަކަން ޔަގީންކުރަންވާނީ ސީދާ އަޅުގަނޑުމެންގެ ރަސްމީ ޗެނަލްތަކުން ސްޓެލްކޯއާ ގުޅައިގެން.“ ފަހްމީ ވިދާޅުވެފައި ވެއެވެ.
ސްޓެލްކޯއިން ކަސްޓަމަރުންނަށް ދެމުން އަންނަ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ދާދި ފަހުން ވަނީ ކޯލް ސެންޓަރެއް ގާއިމުކޮށްފަ އެވެ. އަދި، ކަސްޓަމަރުންނަށް ޚާއްސަ ހޮޓްލައިންގެ ގޮތުގައި،1545 ވަނީ ހަމަޖައްސާފަ އެވެ.



